އެއްވެސް ސިޔާސީ ލީޑަރަކީ ފުރިހަމަ ބޭފުޅެއް ނޫން ކަމަށާއި ގައުމީ މަސްލަަހަތަށް ޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް މި ފަސް އަހަރުގެ ދައުރު ވެރިކަން ކުރަން ފުރުސަތު ދޭން ޖެހޭ ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އާންމުންގެ މީހަކު ރައީސް ސޯލިހަށް ތާއީދުކޮށް ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ރެޓަޔަޑް ބްރިގޭޑިއާ ޖެނެރަލް ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ސިޔާސީ ލީޑަރަކީ އެންމެ ފުރިހަމަ އިންސާނެއް ނޫން ކަމަށެވެ.

އެހެންވިޔަސް ގައުމުގެ މަސްލަހަތަށްޓަކައި މި ފަސް އަހަރުގެ ދައުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް އެމަނިކުފާނުގެ މަސައްކަތްޕުޅު ކުރައްވަން ފުރުސަތު ދެއްވަން ޖެހޭނެ ކަމަށް ދީދީ ވިދާޅުވިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ވެރިކަން ކުރައްވާނެ ބޭފުޅަކު ދިވެހި ރައްޔިތުން ނިންމަވާނެ ކަމަށާއި އެ ބަހުސް އެ އިންތިޚާބަށް ދޫކޮށްލަން ޖެހޭ ކަމަށް ދީދީ ލިޔުއްވާފައިވެއެވެ.

ދީދީ މިހެން ވިދާޅުވެފައި މިވަނީ، 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވިޔަސް 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެންމެ ކުޑައިރުގެ ގާތް އެކުވެރިޔާ ރައީސް ސޯލިހްއާއެކު ނަޝީދު ޚިޔާލު ތަފާތުވުން އުފެދިފައިވާތާ ދުވަސްތަކެއް ވެފައިވަނިކޮށް، ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސްއާއެކު ދެން ނުހުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ވެސް ނަޝީދު ފާޅުކުރެއްވިއެވެ. އެކަމަކު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން ވިދާޅުވަނީ އެމްޑީޕީއާއި ނަޝީދާއެކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފި ޑިންގެ ކޯލިޝަން ފެއިލް

    ކޮންތަނަކުން ޖާގަނުލިބިގެން ތޯރައީސް އުޅުއްވަނީ ބުނުއްވީމަތާ ރައްޔިތުނަށް އެނގޭނީ ރައީސަށް ޖާގަ ދޭންވީ މަތީކޮޅުންތޯ ނޫނީ ތިރީކޮޅުންތޯ ؟؟؟

    2
    1
  2. ބެއްޔާ

    ދީދީ މެންނަށް މިހާރު ޔާމީނުގެ ކުޅަދާނަކަމާއި 5 އަހަރުގެ ދައުރު ހަމަވިޔަނުދޭން ކުރެވުނު ޖެއްސުން މިހާރު ހިތަށް އަރާނެ.

    2
    1
  3. ޒާހިރު

    ބިލާދަރުކޮށް ވައްކަންކޮށް ، މުޅި ޤަވްމު ތަޅާބުރުއްސަން 3 އަހަރުދީގެން މިތިބީ ކުކުރާވެސްނުލައެވެ. ވައްކަންކުރުމާ ދައުލަތް ލޫޓުވުން ނޫންކަމެއް ނުވިއެވެ. އަދިވެސް ތިބުނަނީ ލޫޓުވުމަށް ފުރުޞަތު ދޭށޭތޯ؟

  4. ސސ

    ދީދީ އަކީ ބޮޑު ތަކުރުފާނުގެ ކާފަ ދަރިއެއް، މިޤައުމުގައި ބޮޑުތަކުރު ފާނުގެ އަސާސުތަކާއި ހިލާފަށް އިސްލާމް ދީނާއި ހަލާފަކަށް ހަމަ އެކަކަށްވެސް ނޫޅެވޭނެ އެފަދަ މީހުން ޖެހޭނީ އިސްލާހުވާން !