މިދިޔަ އޭޕްރީލް މަހުގެ ތެރޭގައިި ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެެ ވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓްްވީޓެއްގައި ވިދާޅުވެފައި ވަނީ މި ވެކްސިނުގެ ފުރަތަމަ ޑޯޒް އޭޕްްރީލް މަހު ފުރިހަމަކޮށްފައިވާ މީހުންނަށް ދެ ވަނަ ޑޯޒް ޖެހުމުގެ ފުރުސަތު މިިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިން ދިނުން މެދުކެނޑުމަށް ފަހު އަލުން މި ވެކްސިން ދޭން ފަށާފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ދެ ވަނަ ޑޯޒް ޖެހުމަށް ހުޅުވާލީ ފެބްރުއަރީ އަދި އޭޕްރީލް މަހުގެ ތެރޭގައި މި ވެކްސިނުގެ ފުރަތަމަ ޑޯޒް ދިން މީހުންނަށެވެ.

މިހާރު ކޮވިޝީލްޑް ވެކްސިން ދެމުން އަންނަނީ އެޕޮއިންޓްމެންޓު ދޫކޮށްގެންނެވެ.

ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓް ހަދާއިރު ވެކްސިން ޖަހަން ދާން ބޭނުންވާ ދުވަހާއި ގަޑި އަމިއްލައަށް އިހްތިޔާރު ކުރެވޭނެއެވެ. އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެދުމުން އެޕޮއިންޓްމެންޓް ހަމަޖެހުނުކަން އެސްއެމްއެސް އަކުން އަންގާނެއެވެ.

ހަމަޖެހިފައިވާ އެޕޮއިންޓްމެންޓް ގަޑީގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް އެޗްޕީއޭ އިން އެދެއެވެ. އެޕޮއިންޓްމަންޓް ހަދާފައިވާ ވަގުތަށް ނާދެވިއްޖެނަމަ ބުކިން ކެންސަލްވާނެ ކަމަށާއި އަދި އެހެން ދުވަހަކަށް އަލުން އެޕޮއިންޓްމަންޓް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. އެޕޮއިންޓްމަންޓް ހެދުމަށް އެހީތެރިކަން ބޭނުންވާނަމަ 1676 ގުޅުމުން އެހީތެރިކަން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު