އީދު ޗުއްޓީއަށް ސަރުކާރު ބަންދުވުމުގެ ކުރިން ނައިބް ރައީސް ފައިސަލް ނަސީމް، އެޗްއީއޯސީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

އީދު ބަންދަށާއި، މިނިވަން ދުވަހުގެ ޗުއްޓީއާށް ސަރުކާރުން ބަންދުވާނީ އަންނަ ހުކުރު ދުވަހުއެވެ. ދިގު ޗުއްޓީއަކަށްފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވާނީ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އެޗްއީއޯސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އެޗްއީއޯސީގެ ބޭފުޅުން ވަނީ ރާއްޖޭގައި ކޮވިޑް-19 އާއި ގުޅޭ ގޮތުން ހުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

ނައިބު ރައީސް ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކޮވިޑްގެ ބަލި މީހުންގެ އަދަދު މިހާރު ދަށްވެފައި އޮތުމުން ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުކަމުގައި ނައިބް ރައީސް ފާހަގަ ކުރައްވައިފައެވެ.

އެހެންނަމަވެސް މި ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރެވިދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

އިތުރުން އެމަނިކުފާނު ވަނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދަވައި މިހާރު އޮތް ހާލަތަށް ބަލާފައި ފެސިލިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވެކްސިން ދެވޭ މީހުންގެ ނިސްބަތް އިތުރުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރުއަޅުއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެޗްއީއޯސީއިން ވަނީ މިހާރު ރައްޔިތުންނަށް ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ނައިބް ރައީސް އަށް ތަފްސިލުކޮށްދެއްވާފައެވެ.

އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ނުދިއުމުގެ މުހިންމުކަމަށާއި، މޮނިޓަރިންއަށް ލާފައިވާ ރަށްތަކަށް ނުދިއުމަށް އެޗްއީއޯސީގެ ބޭފުޅުން ވަނީ ބާރުއަޅުއްވައި ވާހަކަ ދައްކަވައިފައެވެ.