މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ބާއްވަން ރާވާފައި ވަނީ ކޮންމެ އަވަށެއްގެ ރައްޔިތުންނާ ވަކިން ބައްދަލުކޮށްގެން ޚިޔާލު ހޯދާ ގޮތަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސަަރަހައްދުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ބިިންތައް ބޭނުންކުރާނެ ގޮތުގައި ގޮތެއް ނިންމުން މިހާރު އޮންނަނީ ސަރުކާރުގެ ވުޒާރާއާއި މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކޮށްގެންނެވެ.

މި ކަމުގައި މާލޭގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގާނޫނީ ޒިންމާ އޮންނަނީ މާލެ ސިޓީ ކައުންސިލްގެ މައްޗަށެވެ. ލާމަރުކަޒީ ނިޒާމަށް ފަހުން ގެނެވުނު އިސްލާހުގައި ކަނޑައެޅިފައިވާ ތަރުތީބަކީ މިއީއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަގުތު" އަށް ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދަން ބައްދަލުވުންތައް ބާއްވަން ލަސްވެގެން ދިޔައީ ކޮވިޑް-19 ގެ ސަބަބުން ފިޔަވަޅުތައް ހަރުކަށި ކުރުމުން ކަމަށެވެ.

މި ގޮތުން މާލެ ސިޓީގެ ހަތަރުވަނަ ކައުންސިލްގެ ކައުންސިލަރުން ހުވާކުރި ދުވަހުން ފެށިގެން ފަހަކާ ޖެހެން ދެން މާލެ ސަރަހައްދުގައި އޮތީ ކާފިއު އިއުލާންކޮށްފައެވެ. މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ކާފިއު ވަނީ އުވާލައިފައެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ މަހުން ފެށިގެން ރައްޔިތުންނާ ބައްދަލު ކުރުމުގެ ބައްދަލުވުންތައް ކުރިއަށް ގެންދާނެއެވެ. އަދި ސިޓީ ކައުންސިލުން އެ ބައްދަލުވުންތައް އޮންނާނެ ތާރީޚެއް ކަނޑައަޅުއްވައި ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ޚިޔާލު ހޯދާނީ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ މާލެ ސަރަހައްދުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނާއި ކައުންސިލްގެ މާސްޓާ ޕްލޭނަށެވެ.

ކޮންމެ އަވަށެއްގެ ރައްޔިތުންނާ ވަކިން ބައްދަލު ކުރަން ނިންމީ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބޭނުމުގައާއި ގައިދުރުވުމުގެ ރައްކާތެރިކަމުގެ ހަމަތަކަށް ވެސް އަމަލު ކުރުމުގެ ގޮތުންނެވެ.

"އަޅުގަނޑުމެން ބައްދަލުވުންތައް ބާއްވާނީ ވެސް ސްޕޭސް ބޮޑު، އެޗްޕީއޭއިން ކަނޑައަޅާފައި އޮތް މިންގަނޑަށް ފެތޭ ގޮތަށް، ބައްދަލުވުން ލައިވް ވެސް ކުރާނެ، އިރާދަކުރެއްވިއްޔާ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ އަމާޒު ކުރައްވަނީ ކޮންމެ އަވަށެއްގައި ބޭއްވޭ މި ބައްދަލުވުމުގައި މާލެއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލައާ ގުޅޭ ގޮތުން ވެސް ޚިޔާލު ހޯދުމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކޮންމެ އަވަށަކުން ވެސް އެއް ސިޓިން އަކުން ކޮންމެ މައްސަލައަކާ ގުޅޭ ގޮތުން ވެސް ޚިޔާލު ނަގަން،" މުއިއްޒު ވިދާޅުވިއެވެ.

ސަބަބެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އަވަސް އަވަހަށް ބަދަލު ވަމުންދާތީއެވެ. މިހާރު ހާލަތު ރަނގަޅުވެފައިވާ ދަނޑިވަޅުގައި އެއް ބައްދަލުވުމުން ޚިޔާލުތައް އެއް ކުރުން ކަމަށެވެ.