މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ ސައިކަލު ވަގަށް ނަގަން މީހަކު އުޅެނިކޮށް ފުލުހުން އެކަން ހުއްޓުވައި، ސައިކަލް ވަގަށް ނަގަން އުޅުނު މީހާ ހައްޔަރު ކޮށްފިއެވެ.

މުއިއްޒުގެ ސައިކަލް ވަގަށް ނަގަން އުޅުނު މީހާގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ބޭއްވި ޝަރީއަތުގައި ފުލުހުން ވިދާޅުވީ މުއިއްޒުގެ ސައިކަލު ވަގަށް ނަގަން މީހަކު އުޅުނީ އޭނާގެ ގެ މ. ދިމްޔާތު ގޭގެ ގަރާޖުގައި ސައިކަލު ބަހައްޓާފައި ހުއްޓަ އެވެ. ދިމްޔާތު އަކީ ގެސްޓްހައުސްއެއް ވެސް ހިންގަމުން އަންނަ އިމާރާތެކެވެ. މުއިއްޒު ދިރިއުޅުއްވަނީ ވެސް އެތަނުގައެވެ.

ފުލުހުން ވިދާޅުވީ މުއިއްޒުގެ ސައިކަލް ވަގަށް ނަގަން އުޅޭ މަންޒަރު ފުލުހުންނަށް ފެނިގެން ހުއްޓުވީ އެ ގޭގެ ގަރާޖުން ސައިކަލު ދަމާފައި ނެރެނިކޮށެވެ. އެއީ މުއިއްޒުގެ ސައިކަލު ކަމަށް ވެސް ފުލުހުން ކޯޓުގައި ވިދާޅުވިއެވެ.

އެ މައްސަލާގައި ހައްޔަރުކުރި 35 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޖަހާފައެވެ.

މާލޭގައި ސައިކަލް ވަގަށް ނެގުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ގިނަ ފަހަރަށް އެފަދަ ކަންކަން ކުރާ މީހުން އަތުލައެއް ނުގަނެވެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މަހެއްގެ މައްޗަށް 200 ވަރަކަށް ސައިކަލް ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މުއިއްޒު މިހާރު އެފެންވަރަށްވެސް ވެއްޓުނީތަ؟ ލަދުން ބޮއިހަލާކު

  2. ޢަލީ

    ކޮއްކޯ މުއީޒްގެ ސައިކަލް އެހެންމީހަކު ވަގަށް ނަގަން އުޅުނުވާހަކަ އެއޮތީ ހެޑިންގައި ރަގަނޅަށް އަދި އެއްފަހަރު ކިޔާލަންފެނޭ !