ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ "އައިޑެންޓިފިކޭޝަން ޕެރޭޑް" އަކަށް މިއަދު އަލުން ކޯޓަށް ހާޒިރުކޮށްފިއެވެ.

އައިޑެންޓިފިކޭޝަން ޕެރޭޑަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ އެކަމުގައި ހިމެނޭ މީހުންކަން ކަށަވަރު ކުރުމަށް، އަނިޔާ ލިބުނު މީހާ ނުވަތަ ހެކިންނަށް އެ މީހަކު ދެއްކުމެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް 40 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ސްރީލަންކާގެ ވެރިކަންކުރާ ޕާޓީގެ ނުފޫޒުގަދަ ސިޔާސީ ބޭފުޅުން ހައްޔަރު ކޮށްފައިވާ ކަމަށް ކޮލަމްބޯގެ ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އަޝްމަލީ މިއަދު ކޯޓަށް ހާޒިރު ކޮށްފައިވާއިރު، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

އަޝްމަލީގެ ބަންދު އިތުރުކުރި ދުވަހު އޭނާގެ ވަކީލް ކޯޓުގައި ބުނީ އަޝްމަލީ އޮންލައިންކޮށް "އޮއިލް" މަސާޖެއް 20،000 ސްރީލަންކާ ރުޕީސް ދައްކާފައި ބުކް ކުރި ކަމަށާއި އޭގެ ފަހުން ކޮލޮމްބޯގައި ހުންނަ މަރީނޯ ބީޗު ހޮޓަލުން ކޮޓަރިއެއް ހިފައިގެން އެ ކުއްޖާއާއެކު ދިޔަ ކަމަށެވެ.

އެހެން ނަމަވެސް އެ މަސާޖު ކަމުނުދިޔަ ކަމަށާއި އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށް އަޝްމަލީ އާއި ހަވަލާދީ އޭނާގެ ވަކީލް ވަނީ ކޯޓުގައި ބުނެފައެވެ. އަދި އެއީ ކުޑަ ކުއްޖެއް ކަމެއް ވެސް އަޝްމަލީއަށް ނޭނގޭ ކަމަށް ވަކީލު ވަނީ ބުނެފައެވެ.

ސްރީލަންކާގެ ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މައްސަލައިގާ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އަންހެން ކުއްޖާގެ މަންމަ، އޮޓޯ ޑްރައިވަރެއް، ކާރު ޑްރައިވަރެއް، ފާދިރީއެއް، ވިޔަފާރިވެރިއެއް، މިހިންތަލަ ޕްރަދެޝިޔާ ސަބާގެ ވައިސް ޗެއާމަން، ބޯޓެއްގެ ކެޕްޓަނެއް، ދިވެހި ފިރިހެނެއް، ވެބްސައިޓް އޯނާރ، ހޮޓެލް މެނޭޖަރ، އަދި އިޝްތިހާރު ޑިޒައިންކުރި މީހާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ކުޑަބެގީ ރަޝީދު

  މަގޭ ފްލެޓް ކޮބާ

  9
  1
 2. ޒަރީނާ

  އެބޭފުޅާގެވެސް ހައްގެއްއޮންނަންވާނެ. ވީމާ ރާއްޖެހިނގިކަމަކަށްނުވެފާ އަދި ސާބިތުވެސްނުވާކަމެއް .. ވީމާ އެބޭފުޅާގެކަރާމާތަށް އުންނިކަންއަންނަގޮތައް ޚަބަރުތައްނުޖެހުމަށް އާދޭހާއެކީދަންނަވަން

  3
  6