އަވައްޓެރި ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަކުއްޖެއް ލައްވާ ހަށިވިއްކަމުންދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކަފާލާތުގެ ދަށުން ދޫވެއްޖެއެވެ.

ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ކުރިން ހިންގެވި އަޝްމަލީ ހައްޔަރު ކުރީ ވެބްސައިޓްތަކަކާއި މީސް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައެވެ. އަޝްމަލީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އަންހެން ކުއްޖާއާ އެކު ޖިންސީ އަމަލު ހިންގުމާއި މި ނެޓްވޯކް ފުޅާކުރުމަށް އެހީތެރިވި ކަމުގެ ތުހުމަތު ހިމެނެއެވެ.

ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތަކުގައި އާންމު ގޮތެއްގައި ކަފާލާތުގެ ދަށުން ދޫނުކުރި ނަމަވެސް އަޝްމަލީ ވަނީ ދޫކޮށްލާފައެެވެ. އޭނާ ދޫކޮށްލީ 1935.72 ރުފިޔާގެ ކަފާލާތުގެ ގޮތުގައި ދެއްކުމަށްފަހުއެވެ. އަދި 3.8 ލައްކަ ރުފިޔާގެ ގެރެންޓީއެއް ކޯޓުގައި ބަހައްޓާ ގޮތަށެވެ.

އަޝްމަލީގެ ވަކީލުން ބުނާ ގޮތުގައި އޭނާ ދޫކޮށްލީ ކަފާލާތުގެ ދަށުން ދޫކޮށްލީ އޭނާގެ ޕާސްޕޯޓު ކޯޓުން ހިފެހެއްޓުމަށްފަހުއެވެ. އޭނާ ދޫކޮށްލީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމުން ކަމަށްވެއެވެ.

އަޝްމަލީގެ އިތުރުން އެ މައްސަލައިގައި ދެން ހިމެނޭ 34 މީހުން ވެސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ލަންކާގެ ފުލުހުން މިހާތަނަށް އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެކުއްޖާ ލައްވައި ޖިންސީ ކުށްތަކެއް ހިންގުވި ނެޓްވޯކުގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ. އޭގެ ތެރޭގައި އަޝްމަލީގެ އިތުރުން ސިޔާސީ ނުފޫޒުގަދަ އެތައް ބަޔަކު ހިމެނެއެވެ.

އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންނަށް ބަލާއިރު، އަންހެން ކުއްޖާގެ މަންމަ، އޮޓޯ ޑްރައިވަރެއް، ކާރު ޑްރައިވަރެއް، ފާދިރީއެއް، ބިޒްނަސްމަންއެއް، މިހިންތަލަ ޕްރަދެޝިޔާ ސަބާގެ ވައިސް ޗެއާމަން، ބޯޓެއްގެ ކެޕްޓަނެއް، ދިވެހި ފިރިހެނެއް، ވެބްސައިޓް އޯނާރ، ހޮޓެލް މެނޭޖަރ، އަދި އިޝްތިހާރު ޑިޒައިންކުރި މީހާ ހިމެނެއެވެ.