ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އުުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ޖުލައި 15 ވަނަ ދުވަހު އެމަނިކުފާނުގެ ދެކަނބަލުން ފެށި ދަތުރުފުޅުގައި ވަނީ ކުޅުދުއްފުށި ސިޓީއަށާއި، ކުމުންދޫއަށާއި، ހަނިމާދުއަށް ވަޑައިގަންނަވާފައެވެ.

މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. ރައީސްގެ ދެކަނބަލުން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ސިޓީގެ ކައުންސިލާއި، އަންހެނުންުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި، އެސިޓީގެ ތިން ސުކޫލުގެ އިސްވެރިންނާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާއި، ބައްދަލުކުރެއްވެވިއެވެ. މީގެ އިތުރުން ފަޒްނާ ވަނީ އެ ސިޓީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާއި، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންނާއި، ބައްދަލުކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީއިން ރައީސްގެ ދެކަނބަލުން ދެން ވަޑައިގެންނެވީ ހދ. ކުމުންދޫއަށެވެ. އެރަށުގައި ރައީސް ވަނީ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާފައެވެ. އަދި އެ ދެކަނބަލުން ވަނީ އެރަށު ސިއްޙީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހައްލަތު ބައްލަވާލައްވާފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގެންނެވީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެދެކަނބަލުން ހަނިމާދޫ ކައުންސިލާއި ބައްދަލުކުރެއްވިއެވެ. އަދި މީގެ އިތުރުން ހަނިމާދޫގެ ސްކޫލަށާއި، ހެލްތު ސެންޓަރަށާއި، ބަނދަރަށް ޒިޔާރާތްކުރައްވާ އެތަންތަނުގެ ޙާލަތު ބައްލަވާލެއްވިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު