ރޭ ދަންވަރުގެ ވަގުތެއްގައި ވިލިމާލޭގައި ގަހަކުން ވެއްޓި ހާލުބޮޑުވި މީހަކު ބަލާ އައި އެމްބިއުލާންސްގައި އިނީ ޑްރައިވަރު އެކަނި ކަމަށް މަންޒަރު ދުށް މީހަކު ބުނެފިއެވެ.

ރޭ ގާތްގަނޑަކަށް 1:00 ޖެހި ހާއިރު އެ މީހާ ގަހުން ވެއްޓުނުއިރު، އެއީ ހިތިފަތް ބިންނަން ގަހަށް އެރި މީހެއް ކަމަށް މައުލޫމާތު ލިބެެއެވެ. ވެއްޓުނު އެ މީހާ އޮތީ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައެވެ. އަދި އެ މީހާ އެއްވެސް ވަރަކަށް ހަރަކާތެއް ނުކުރެއެވެ.

އަދި އެ މީހާ ވެއްޓުނު ގަސް ކައިރީގައި ހުރި ލޮރީއެއްގެ ތެރޭގައި ގޮފިކޮޅުވެސް ވެއްޓިފައި އޮތެވެ.

އެ މީހާ ވެއްޓުނީ ލޮރީ ކައިރީގައި ހުރި ގަހަކުން - ވަގުތު އިމޭޖްސް

އެ ސަރަހައްދުގައި އުޅުނު މީހަކު ބުނީ، އެ މީހާ ވެއްޓުމާއެކު އެމްބިއުލާންސް އައީވެސް 15 މިނިޓު ފަހުން ކަމަށެވެ. އަދި އެމްބިއުލާންސްއަށް އެތައް ބަޔަކު ގުޅިކަމަށާއި، ހޮސްޕިޓަލަށް އެ މީހާގެ ހާލަތު ކިޔާދެމުން ދިޔަ ކަމަށްވެސް ބުންޏެވެ.

"އެމްބިއުލާންސްއަށް ގުޅި މީހުން ދިޔައީ އެ މީހާގެ ހާލަތު ކިޔާދެމުން، އެކަމަކު އައީ ޑްރައިވަރު އެކަނި، އެފަދަ ހާލަތަކަށް ބޭނުންވާނަމަ ސްޕައިންބޯޑު ކިޔާއެއްޗެއްވެސް، އެހެންނަމަވެސް ޒަހަމް ތަކަކާއެކު އޮތް އެ މީހާ ސްޓްރެޗަރއަށް ލައިދޭން ޖެހުނީ އާއްމުން". އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ "ވަގުތު"ގެ ނޫސްވެރިން ބުނެފައި ވެއެވެ.

އެ މީހާ ވެއްޓުނު ފަހުން އެ ސަރަހައްދުން އެމްބިއުލާންސްއަށް ގުޅި މީހަކު ބުނީ، ހޮސްޕިޓަލުން އެމްބިއުލާންސް އެކްޓިވްކޮށްދިނީ ޑޮކްޓަރުގެ ތަރުޖަމާން ކަމަށެވެ.

""ވަގުތު"ގެ ނޫސްވެރިންވެސް ހޮސްޕިޓަލަށް ގުޅި، ފޯނު ނެގީ އެ ކުއްޖާ، އެއްވެސް ތަފްސީލެއް ނުދޭ".

ނޫސްވެރިޔާ ބުނީ، ފަހުން ސީއެމްބިއުލާންސްގައި އެމާޖެންސީގައި އެ މީހާ ގެންދިޔައީ މާލެއަށް ކަމަށެވެ.

ގަހުން ވެއްޓުނު މީހާ ސީއެމްބިއުލާންސްގައި މާލެ ގެންދަނީ - ވަގުތު އިމޭޖްސް

"ސީއެމްބިއުލާންސްއަށް ގެންދިޔައީ ކައިރީގައި ނަރުހެއް ހުރެގެން،".

އެ މީހާގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަރަކު

    ސަރުކާރު ވަނީ ބޮޑުތަނުން ފެއިލްލެފަ ރަށްޔަތުންނަށް އަޅައެއްނުލާ .........؟؟؟؟؟

    29
    1
  2. Anonymous

    ގައިމު ކެރަފާ އެމްބިއުލާނސައް ވަކި ޓާސްކު ފޯސްއެއް މިހާރު ހިތު އަޅައިފި.

    16
    1
  3. ހުސޭނުބޭ

    އެމްބިއުލާންސްގެ ޚިދުމަތް ރަގަޅުކުރުމަށް ހެލްތު މިނިސްޓރު ވަނީ އޭތީގެ ހަތަރު ފުރޮޅުންކުރެ ކޮންމެ ފުރޮޅަކަށް މުއައްސަސާއެއް އުފައްދާފައި. ޚިދުމަތް ރަގަޅުކަމުން ދެން މީހަކަށް ކަމެއްވިއްޔާ ބަލިމީހާ ބަލާ އަންނާނީ އެމްބިއުލާންސްގެ ހަތަރު ފުރޮޅުކަން ނޭގެ!

    21
    1
  4. އަޑަފި

    ލިފްޓް ނެތް ގެއެއްގެ ހަތަރުވަނަ ބުރީގައި ހުރި، ބޮޑު ފިރިހެނަކު ހަލާބޮޑުވެގެން ހެއަށް ގޮތްވާތީ، އެމްބިއްލާންސަށް ގުޅީމަ، ފައްޖަހާލެވޭކަލަހަ ސްޓްރެޗަރއެއް ހިފައިގެން އެޕާޓްމަންޓަށްއައީ އެންމެ މީހެކެވެ. ނަސީބަކުން އެ ގަނޑީގައި، އެހެން އެޕާޓްމަންޓެއްގައި އުޅޭ އެހެން ފިރެހެނެއް ހުރުމުން، ލަސްނުކޮށް ބަލިމީހާ ތިރިއަށް ބޭލުނެވެ. އެފަދަ ވަގުތެއްގައި، އަށިގަނޑުގެ އަނެއްކޮޅުގައި ހިފާލެވޭފަދަ މީހަކު ނެތްނަމަ، އެމްބިއުލާންސް އަޔަށް އެމީހާ ގެންދެވޭނެގޮތެއް ނުވީހެނެވެ. މިފަދަ ކަންކަން ރަނގަޅުކުރަން އެބަޖެހެވެ.

    12
    1
  5. ބުއްޅަބޭ

    ދަންވަރު އެކެއްޖެހި އިރު ހިތިފަތް ބިންނަނީ ކީއްކުރަން؟

    10
    3
  6. ފުރަމެންދަމު......

    އަނިޔާވި މީހާއަށް އަވަސް ޝިފާއަކަށް އެދެމެވެ! ހިތިފަތް ބިންނަން މެންދަމު ގަހަށް އެރީ ކީއްކުރަން ހެއްޔެވެ؟ ދުވާލު ގަޑީގައި ފަތް ބިންނަން މާފަސޭހަ ވެސް ވާނެއެވެ. ތިއީ އާދަޔާ ޚިލާފަށް ހިނގި ކަމެކެވެ.

  7. ގާދިރު

    ފުރަތަނަ ދަންވަރު ހިތިފަތް ބޭނުންވިގޮއި ސާފުވާން އެބަހެހޭ …. ހިތި ގަހުގެ ހިތި ވަރަށް ހިތިވާނެ

  8. ޙމމމ

    އީދު ޗުއްޓި ވީމަތޯ މިހެން މިވަނީ ؟

  9. މުޙައްމަދު

    ފުރާނަޔަށް ނުރައްކާވާ ޙާލަތުގަ ޚިދުމަތް ބޭނުންވާ ބަލިމީހުންބަލާވެސް އެމްބިއުލެންސް އަންނައިރު ޑްރައިވަރ އެކަނި އައުމަކީ ޢާންމު ކަމެއް. ޚިދުމަތް ދޭ ތަންތަނުގައި ތިބޭ އެންމެނަށް އެނގޭނެ ބަލިމީހާ ހެންޑްލް ކުރެވޭނެވަރުގެ މީހަކު ދާންޖެހޭކަން. ކިޔަވަދޭއިރުވެސް ވަރަށްބޮޑަށް ކިޔައިދެވޭ އެއްޗެއް އެއީ. އަދި މިވީތަނަށް އެއްވެސް ވެރިކަމެއްގަ ރަނގަޅު ނުކުރެވުނު ކަމެއް މިއީވެސް.