މި ދައުރުގެ 127 ރަށަކަށް އެމްބިއުލެންސް ފޯރުކޮށްދީފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އެކަން ހާމަކުރެއްވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު އެވެ.

މިއުވާން ވިދާޅުވީ އެމްބިއުލެންސްތައް ފޯރުކޮށްދިން ރަށްރަށުގެ ތެރޭގައި އަލަށް އެމްބިއުލެންސް ފޯރުކޮށްދިން ރަށްރަށް ވެސް ހިމެނޭ ކަމަށެވެ.

އަދި ކުރިން އެމްބިއުލެންސް ނަމަކަށް ހުރި ރަށްތަކަށް ވެސް އެމްބިއުލެންސް ފޯރުކޮށްދިން އިރު ވެހިކަލްތައް ބޭނުންކޮށްގެން އެމްބިއުލެންސްގެ ހިދުމަތްތައް ފޯރުކޮށްދިން ރަށްތަކަށް ވެސް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ އެމްބިއުލެންސްތަކުގެ ހާލަތު ސަރުކާރުން މޮނީޓަރ ކުރަމުން ގެންދާ ކަމަށެވެ.

އެހެންކަމުން އެމްބިއުލެންސް މަރާމާތު ކުރަން ޖެހިފައިވާ ރަށްރަށާއި އެމްބިއުލެންސް ނެތް ރަށްރަށަށް އިސްކަން ދީގެން އަލަށް ގެންނަ އެމްބިއުލެންސްތައް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

"އެގޮތުން އެންމެ ފުރަތަމަ އެމްބިއުލެންސްތައް ފޯރުކޮށްދިނުމަށް 24 ރަށެއް ކަނޑައެޅޭނެ. މީގެ އިތުރުން ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އަށް ޕެރަމެޑިކް އެމްބިއުލެންސް އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ރާއްޖެއަށް ލިބޭނެ" މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ 20 އެމްބިއުލެންސް ހޯދަން އެސްޓީއޯއާ ހަވާލުކޮށްފައިވާ އިރު އިތުރު އެމްބިއުލެންސް ހޯދުމުގެ މަސައްކަތް ވެސް މިހާރު ފަށައިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑައެލޯގް

    ދަރަނީނަގައިގެންވެސް މިއަހަރު މިކަހަލަ ކަންކަން ކުރެވޭތޯބަލާނެއެވެ. ދެން ހޮވިއްޖެނަމަ ތިޔަ ދުއްވާނެ ޕެޓުރޯލުވެސް ނުލިބޭނެއެވެ.

  2. އެހެންތަ

    އެރަށްތައް ހާމަކުރަން ނުކެރުނީ ކީއްވެބާ؟ ދެން ދޮގެއް ހެދިޔަސް ބަޔަކަށް ނޭގޭނެތާ ރަށް ހާމަނުކުރީމަ.