ރާއްޖޭގެ ރަށްރަށަށް ފޮނުވަން ނިންމި އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު އެމްބިއުލާންސްތަކެއް އެސްޓީއޯއިން ގެނެސްފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ އެމްބިއުލާންސް ގެނައުމަށް ކުރެވުނު އެއްބަސްވުމުގެ ދަށުން އެމްބިއުލާންސްގެ ހަތަރު ވަނަ ބެޗު މިހާރު މާލެ ގެނެވިފައިވާ ކަމަށެވެ. އެސްޓީއޯއިން މިއަދު ގެނެސްފައިވަނީ 21 އެމްބިއުލާންސެވެ.

އެސްޓީއޯއިން ބުނީ، އެކުންފުނީގެ އަމާޒަކީ ވީއެންމެ އަވަހަށް އެމްބިއުލާންސް ބޭނުންވާ ރަށްތަކަށް އެމްބިއުލާންސް ފޮނުވުން ކަމަށާއި އެކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ފުރަތަމަ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި ދެވަނަ ޝިޕްމެންޓުގައި އިތުރު 20 އެމްބިއުލާންސް ގެނެސްފައިވަނީ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ.

ރަށް ރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސަރުކާރުގެ ބޮޑު އެއް ކުންފުނި، އެސްޓީއޯއާ ހެލްތު މިނިސްޓްރީން ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން އެމްބިއުލާންސްތައް މިނިސްޓްރީ އަށް ހަވާލު ކުރަން ޖެހޭނީ ހަ މަސް ތެރޭގައެވެ.