އައްޑޫ ފްލައިން ސްކޫލް ހިންގުން އެވިޑް ކޮޮލެޖާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެ ފްލައިންގް ސްކޫލްގެ ހިންގުން އެ ކޮލެޖާއި ހަވާލުވިތާ މަދު ދުވަސްކޮޅުގެތެރޭގައި އެސްކޫލްގެ ހަރަކާތްތައް އަލުން ފެށިގެން ވަރަށް ހަލުވިވެއްޖެއެވެ.

ކުރިން އެ ސްކޫލް ހިންގަމުންގޮސްފައި ވަނީ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިންނެވެ. މިހާރު އެ ސްކޫލް ހިންގަމުން ދަނީ އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ނަމުގައެވެ.

މީޑިއާތަކާއި އެ ސްކޫލްގެ އެންމެ ފަހުގެ މައުލޫމާތުތައް އަބަދުވެސް ހިއްސާ ކުރަމުން އަންނަ އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުން ނަމަ ފްލައިން ސްކޫލްގައި މިހާރު ކިޔަވަމުންގެންދާ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓަރ ޓްރެއިނިންގތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު މިއަދު އަލުން ވަނީ ފަށާފައެވެ.

އަދި މީގެ ހަފްތާއެއްކުރިން، ގްރައުންޑް ކްލާސްތަކުގެ ތިއަރީ ބައި ފުރިހަމަކުރަންޖެހިފައިވާ ދަރިވަރުންނަށް ބޭނުންވާ ތިއަރީ ކްލާސްތައް ފެށިގެން ފުރިހަމައަށް ކުރިއަށް ގެންދާކަން އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ދަރިވަރުންގެ ތެރެއިން ޓެސްޓުތައް ހަދަންޖެހޭ ދަރިވަރުން އެކަމަށް ތައްޔާރުކުރުވުމަށްޓަކައި ރިފްރެޝްކޮށްލުމުގެ ގޮތުން އެދަރިވަރުންނަށް ރިފްރެޝިންގ ކްލާސްތައްވެސް ވަނީ ފަށާފައެވެ.

"މިއީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމެއްނެތި ހިންގަމުންގެންދާ ކްލާސްތަކެއް. މިކްލާސްތައް ނިމުމުން ޓެސްޓުތައް ޝެޑިއުލް ތައްޔާރުކުރުމަށްފައި ސިވިލް އޭވިއޭޝަނާއި ހިއްސާކޮށް އެބޭފުޅުންގެ އިރުޝާދާއެކު ވީ އެންމެ އަވަހަކަށް ޓެސްޓުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވޭ". އެވިޑް ކޮލެޖުން ބުންޏެވެ.

އެވިޑުން ބުނީ، އެ ސްކޫލަށް ގެނައުމަށް ހަޖެހިފައިވާ ފްލައިޓްގެ ޕޭމެންޓްގެ ކަންތައް މިހާރު އެއްކޮށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެންހުރި އެހެންކަންކަންވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގޮސްއެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކުގެ ބޮޑުބައި މިހާރު ނިމިފައިވާކަމުގެ ޔަގީންކަން އެވިޑުން ދިނެވެ.

"އެހެންކަމުން މިފެށޭ މަހުގެ ކުރީކޮޅުގައި ފްލައިޓްގެ ބައިތައް ޑިސްމެންޓްލްކޮށް ވަކި ވަކިން ކޮންޓެއިނަރއަށް ލޯޑްކުރުމަށްފަހު 45 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ގެނެވޭނެ".

އެވިޑްހެ ފްލަައިންގ ސްކޫލްގެ ކަންކަން ހިނގާގޮތް ބައްލަވާލެއްވުމަށްޓަކައި އެ ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވަނީ އައްޑުގައި ހުންނަ ފްލައިން ސްކޫލަށް ޒިޔާރަތްކުރުމަށްޓަކައި އިއްޔެ އައްޑޫ ސިޓީއަށް ފުރާވަޑައިގެންފައެވެ.