ރާއްޖެއަށް އިންޑިއާ އިން އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ދަށްކުރި ޚަބަރު މީޑިއާ އިން ގެނެސްދީފައިވަނީ އޮޅުން އަރާ ފަދަ ގޮތަކަށް ކަމަށާއި ދިވެހިންނަށް ދަތިކުރުމަށް އިންޑިއާ އިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ކޯޓާ ދަށްކުރުމާ ގުޅޭ ޚަބަރުތައް މީޑިއާއިން ގެނެސްދިނީ އޮޅުން އަރާ ފަދަ ގޮތަކަށް ކަމަށެވެ.

ކޯޓާ އަށް ގެނައި ބަދަލަކީ ވޭތުވެދިޔަ މުއްދަތުގައި، ދީފައިވާ ކޯޓާގެ ބޭނުން ހިފައި، ރާއްޖެ އެތެރެކުރި އަދަދަށް ބެލުމަށް ފަހު ގެނައި ބަދަލެއް ކަމަށް ރަވީޝް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ 1981 ވަނަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން އެކަން ކުރަންޖެހޭ ގޮތް ކަމަށެވެ.

"އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުމަކީ އެއް ގައުމުގެ ރައްޔިތުންނާއި އަނެއް ގައުމުގެ ރައްޔިތުންނާއި ދެމެދު އޮތް ގުޅުމެއް. އަޅުގަނޑުމެން ޔަގީން ކުރާނަން ދިވެހި ރައްޔިތުންނަށް އެއްވެސް އުނދަގުލެއް އަދި ދައްޗެއް ކުރިމަތިނުވާ ގޮތައް ހުރިހާ ކަމެއް ވެސް ކުރިއަށް ދާކަން." ރަވީޝް ވިދާޅުވިއެވެ.

އިންޑިއާ އިން އެތެރެކުރާ ބައެއް މުދަލުގެ ކޯޓާ އަށް ބަދަލު ގެނައި ނަމަވެސް އެކަމުގެ ސަބަބުން ދައްޗެއް ކުރިމަތި ނުވާނެ ކަމަށް މިއަދު ދިވެހި ސަރުކާރުން ވެސް ވަނީ ވިދާޅުވެފައެވެ.