އއ. މަތިވެރީގައި ކޮވިޑް-19 ވެކްސިން ޖެހޭ އުމުރުފުރައިގެ އެންމެން ވެކްސިން ޖަހާފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ، ބަލީގެ ނުރައްކާ މާލޭގެ އިތުރުން އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކަށް ވެސް ބޮޑުވެގެން ދިޔައެވެ. އަތޮޅުތެރެއިން ބައެއް ރަށްރަށުގައި ބަލި ފެތުރި ހާލަތު ގޯސްވި އިރު، އެ ރަށްތަކުގެ ތެރޭގައި މަތިވެރި ހިމެނުނެވެ. އެ ރަށުން 200 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވިއެވެ.

ރާއްޖޭގައި ބަލިފެތުރެން ފެށުމާއެކު ބަލިން ރައްކާތެރިވުމަށް ވެކްސިން ޕްރޮގްރާމްތަކެއް ރާވައި، މާލެ އާއި އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓުތަކުގައި ވެކްސިން ޖަހަން ފެށީ ފެބްރުއަރީ މަހުން ފެށިގެންނެވެ. މިދިޔަ ހޯމަ ދުވަހާ ހިސާބަށް ރާއްޖޭގައި 325،060 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައެވެ. އަދި އޭގެ ތެރެއިން 274،949 މީހުން ވަނީ ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގައި ވެކްސިން ޖަހަމުންދަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. ހެއްހާ މީހުންގެ އާބާދީ އޮންނަ މަތިވެރީގައި ވެކްސިން ޖެހޭ އުމުރުފުރައިގެ އެންމެންނަށް ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ އިރު، އެ އުމުރުފައިގެ ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައިވަނީ 90 އިންސައްތަ މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މަތިވެރީގެ މުޅި އާބާދީއަށް ބަލާ ނަމަ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 74 އިންސައްތަ މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހާފައިވަނީ 72 އިންސައްތަ މީހުންނެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަކީ އަމާޒެއް ކަމުގައި ކަނޑައަޅައި ރާއްޖޭގައި ވެކްސިން ޕްރޮގްރާމްތައް ދަނީ ކުރިޔަށް ގެންދަމުންނެވެ. ކޮވިޑުން ރައްކާތެރިވުމަށް އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނަށް، ގައުމީ ކަމެއްގެ ގޮތުގައި ދެކި އެންމެން އެއްބާރުލުން ދިނުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެދިފައިވެއެވެ.