ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ބަލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެންގެވި ކަމަށް ދެކެވޭ ވާހަކަތައް ކުރީ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ދޮގުކުރައްވައިފައެވެ.

ރާއްޖޭގެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ މައްސަލަ ނުބަލަން ޔާމީން، އުމަރަށް އެންގެވީ ކެބިނެޓް ވައިބާ ގްރޫޕްއަކަށް ކުރެއްވި މެސެޖެއް މެދުވެރިކޮށެވެ. ޔާމީންއާ އުމަރުއާ ދެމެދު ދެކެވެނު ވާހަކަތަކެއް ސްކްރީން ޝޮޓްތަކެއްވެސް ވަނީ ލީކު ކޮށްލާފައެވެ. ޔާމީން ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، ރިލްވާންގެ ކޭސްއާ ހެދި އުމަރު އެހާ ބޮޑަށް "އޯވަވެލްމް" ނުވުމަށެވެ.

އެ އާޓިކަލް ހިއްސާކުރައްވާ އުމަރު ވިދާޅުވީ، އެފަދަ އެއްވެސް އެންގުމެއް ޔާމީން އަންގަވާފައިވާ ނުވާ ކަމަށެވެ.

"މިއީ ކަޑައެޅިގެން އޯވަވެލްމްގެ މާނަ އޮޅޭ ގޮތަށް ލިޔެފައިވާ ހަބަރެއް" އުމަރު ލިޔުއްވެވިއެވެ.

ރިލްވާންގެ ވާހަކަތައް އަނެއްކާވެސް ދެކެވެން ފަށާފައިވަނީ އޭނާ ގެއްލުވާލި މައްސަލާގައި ޔާމީން މަރުކޮމިޝަނަށް ހާޒިރުކުރުމާ ގުޅިގެންނެވެ. ރިލްވާންގެ މަރާ ގުޅިގެން ޔާމީން، މަރުކޮމިޝަނަށް ހާޒިރުކުރުމުން އެމަނިކުފާނު ހުންނެވީ ހަނެވެ.

ރިލްވާން ގެއްލިފައިވަނިކޮށް 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަކަށް ދެކުނުގެ ރަށަކަށް ވަޑައިގެން، ރިލްވާން މަރުވެފައިވާ ކަމަށް ޔާމީން ވިދާޅުވުމުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި ނޫސްވެރިއަކު ރިލްވާން ގެއްލިގެން އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން "ގެއްލުނީމަ ހޯދާނީ" ކަމަށް ވިދާޅުވެ ޔާމީން ކުރިން ދެއްވި ޖަވާބަށް ވެސް އާންމުންގެ ފާޑު ކިއުން އަމާޒުވިއެވެ.

ރިލްވާން އުޅޭ ގޭގެ ދޮރުމަތިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން އޭނާ ގެންގޮސް ކަނޑުމައްޗަށް އަރުވައި ބޯ ބުރިކޮށްލައި ކަނޑަށް އެއްލާލި ކަމަށް އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ލައިދިން ކަމަށް ވެސް ބުނެފައިވެއެވެ. އެއީ ހަރުކަށި ފިކުރުގެ ބައެއް ހިންގި އަމަލެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނުން ކުރި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީންއާއި މި މައްސަލައާ ގުޅިގެން އެއްވެސް ގުޅުމެއް އޮތްތޯ ނޫސްވެރިން ސުވާލު ކުރުމުން އޭރު އެ ކޮމިޝަންގެ ރައީސްއަކަށް ހުންނެވި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ޔާމީންއާ ގުޅުން ހުރި ކަމެއް ނެތް ކަމަށާއި އެމަނިކުފާނުގެ އިހުމާލެއް ވެސް ފާހަގަވާން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްމަޑޭ

    ރިލުވާން ދިރިއުޅޭ ގޭގެ ކައިރިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން ގޮސް ކަނޑުމައްޗަށް
    އަރުވައި ބޯބުރިކޮށް ކަނޑަށް އެއްލާލީ ކަމަށެވެ...! ރައީސް ޔާމީނުތަ އެކަން ކުރީ؟؟؟

  2. ޔާމިނު

    މަކަރާއި ދޮގު ހަދާތީވެ އެއިރު މީނަ ބޭރު ކުރީ@ މީނަ ނަހަދާނެ ތެދެއް