ރާއްޖެ އިން މިއަދު އިތުރު 104 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 56 މީހުންނެވެ. ނަމަވެސް މިއަދު މާލެ އިން ފައްސިވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަދު މާލެ އިން 35 މީހުން ފައްސިވިއެވެ. އަދި ރިސޯޓްތަކުން އިތުރު 13 މީހުން މިއަދު ފައްސިވިއެވެ.

މިއަދަކީ ޖުލައި މަހުގެ 19 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 6237 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %1.67 މީހުންނެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބީ 2512 މީހުންނެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މިއަދު ވަނީ އިތުރު ވެފައެވެ. މިއަދު 20 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 158 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ފާއިތުވި ދެހަފްތާ ދުވަހުގެ ތެރޭގައި އިތުރު ނުވާވަރަށް އިތުރުވިއިރު މާދަމާ އިން ފެށިގެން އަނެއްކާވެސް ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ވަނީ ތައްޔާރުވެފައެވެ. މާދަމާ އިން ފެށިގެން ދާނެ ލުއިތަކުގެ ތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ދަންވަރު 01:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އާއި ކޮލެޖްތަކާއި ޔުނިވަސިޓީތައް ހުޅުމުގެ ހުއްދަ ހިމެނެއެވެ.

ގިނަ ކޮލެޖްތަކާއި ގައުމީ ޔުނިވަސިޓީގެ ކިޔެވުން ވެސް ޓާމް ޗުއްޓީއަށް ފަހު ވަރަށް އަވަހަށް ފަށާނެއެވެ. އަދި އަންނަ ހަފްތާގައި ސްކޫލްތަކުގެ ކިޔެވުން ވެސް ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު