ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ރައީސް އަހްމަދު އައްސަދާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ލަދު ގަންނަ ވަރުގެ ޗެޓްލޮގްތަކެއް އެބަ ހުރި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވި ނަމަވެސް އެއިން އެއްވެސް ކަމަކަށް ރައްދު ނުދެއްވާ ދެބޭފުޅުންވެސް "ހަނު" ތިއްބައިވައިފިއެވެ.

ކްލަބް ހައުސް މެދުވެރިކޮށް ރޭ ކުރިއަށް ދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މަހްލޫފް ވިދާޅުވީ އައްސަދާއި ޝިއުނާ ވެސް އުޅުއްވަނީ ބޭރު ފުށުން އެ ބޭފުޅުންނަކީ ވަރަށް އިޚްލާސްތެރި، ނަޒާހަތްތެރި ބޭފުޅުން ދައްކައިގެން ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅެއްގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދޭނެ އެތައް ހެއްކެއް މިނިސްޓަރުގެ އަތުގައި ހުރި ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައި އިސް ދައުރެއް އަދާ ކުރާ މިނިވަން ދެ މުއަސަސާގެ އިސްވެރިން ބޭޒާރުވެ، ލަދުގަންނަވަރުގެ ޗެޓް ލޮގްތަކެއް ހުރިކަން ފާހަގަކުރައްވަމުން މަހުލޫފް ވަނީ އެ ހާމަކޮށްފި ނަމަ މުޅި ދައުލަތް "އޮރިޔާންވާނެ" ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ބޭނުމަކަށް ބަޔަކު އަޑީގައި ތިބެގެން ކުރާ މަސައްކަތަކަށް އެ ދެބޭފުޅުން އެއްބާރުލުން ދޭ ކަމަށް ތުހުމަތު ކުރެއްވިއެވެ.

މަހްލޫފްގެ މިވާހަކަތަކާއި ގުޅޭ ގޮތުން "ވަގުތު" އިން ސުވާލުކުރުން އައްސަދު ވިދާޅުވީ އެކަމުގައި އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުން ނުވާ ކަމަށެވެ.

"ތިކަމުގައި ނެތް އަޅުގަނޑުގެ އެއްވެސް ކޮމެންޓްއެއް" އައްސަދު ވިދާޅުވިއެވެ.

މިކަމުގައި އޭސީސީގެ ރައީސް ޝިއުނާގެ ކޮމެންޓެއް ހޯދަން "ވަގުތު" އިން އެތައް ފަހަރަކު ގުޅިއެވެ. އެހެންނަމަވެސް ފޯނަށް ޖަވާބު ދީފައި ނުވެއެވެ.

ރޭގެ ޕްރޮގްރާމް ނިިންމާލަމުން މަހުލޫފް ވަނީ މި ޗެޓް ލޮގްތައް އޭނާގެ އަތުން ހާމަކުރަން ޖެހޭ ހިސާބަށް ކަންތައްތައް ނުގެންދިއުމަށް އައްސަދާއި، ޝިއުނާގެ އަށް ދަންނަވާފައެވެ.

"އަޅުގަނޑު ލައްވާ އެފަދަ ގޯހެއް ހަދުއްވަން އެބޭފުޅުންވެސް ނޫޅުއްވާށޭ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ" މަހުލޫފް ވިދާޅުވިއެވެ.

އެހެންނަމަވެސް މިނިސްޓަރުގެ މައްޗަށް ދައުވާ ކުރަން ޕީޖީއިން ނިންމާ ހިސާބުން އެ ޗެޓް ލޮގްތައް ހާމަކުރައްވާ، ދައުލަތް "އޮރިޔާން" ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖ

    ކޮބާމިފެންނަނީ އެއިރުވެސް އަހަރެމެންދެއްކި ވާހަކަ ހުސްވަގުންގެސަރުކާރު.

    33
    1
  2. އަހަންމައިދީ

    ޒީރޯ ޓޮލަރެންސް ދެއްތޯ؟ ހެހެހެ

    31
  3. ޙަޑި

    ޙަޑިހާވާފައޮތީމަ ކީކޭބުނެވޭނީފަހެ.

    30
  4. އަޒަރާ

    މަހުލޫފު އެ ބުނަނީ ފައުޅުގައި އޭސީސީގެ ރައީސް އަދި އައްސަދު ބުލެކްމެއިލް ކުރިވާހަކައެވެ. މިއީ ބުލެކްމެއިލް ކުރިން އަމިއްލަ މައްސަލަ އޮއްބާލަން.. މަހުލޫފުގެ މައްޗައް ބުލެކްމެއިލް ކުރުމުގެ ދައުވާ އުފުލައި ތަހުގީގުކޮއް އަދަބު ތަންފީޒު ކުރެވެން އެބަޖެހޭ. މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން އެބަޖެހޭ ބަލަން. އެއްވެސް ޕަބްލިކް އޮފިޝަލަކު މިގޮތައް ބުލެކްމެއިލް ކުރުމައް ދޫކޮއްލުމަކީ ދައުލަތުގެ އަގުވެއްޓި އިންސާފައް ބުރޫއަރާނޭކަމެއް.

    32
    4
  5. ގަލަން ތުނޑު

    އެހުރި ޑިވައިސްއެއް ފުލުހުންގެ ބެލުމުގެދަށަށްގެންގޮސް މިގައުމުގެ ޣައްދާރުވާ މީހުނަށް ދޭންޖެހޭ އަދަބު ދިނުމަށް ގޮވާލަން. ޔާމީން އެކަނިތޯ ޖަލަށް ލާންޖެހެނީ

    29
  6. އަބޫބޭ

    ދައުލަތުގެ މުއައްސަސާތަކައް ބިރުދައްކާ މަޖުބޫރުކުރުމަކީ ކުށެއް. މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން ތިޒާތުގެ ކަންކަން ނުކުރުމަށް ނަސޭހަތްތެރި ވަން

    25
    8
  7. ކައުންސެލަރު 🙌

    އެހެންވީމާ ދައުލަތް ބުލެކްމެއިލްވަނީ؟ ސާބަހޯތް. ދެން އަވަހަށް ރޯންފަށާ

    29
  8. ހުސޭނުބޭ

    ނަންވާނީ ޖާބިރު

  9. މިފަހަރު

    މަހުލޫފު ކޮށާކާކަށް ނުކުރޭނެ އެއީ ހިތްވަރުގަދަ ބޭފުޅެއް މިކަންބަލަންފެނޭ

    5
    6
  10. ތަބުރޫކު

    ސާބަހޭ ރައީސް އިބޫ ތިޔަހުރީ ހުރިހާ ކަމަކަށްވެސް ޒީރޯޓޮލޮރެނަސްދޯ

  11. ވައިޓް މެއިލް

    ފަހަރެއްގާ ވެދާނެ އެލެކްސްގެ ބޯއީސްތައް ކުރާ ކަމަކަށް. އަދުލު އިންސާފް ނެތި ސިޔާސީ ހުރިހާ އެއްޗަކަށް ވީމަވެސް ވާނޭ ތިހެން.

  12. ކޮރަކަލި

    ވެދާނެ ސަރުކާރު ތެރޭގައި ތިބެގެން އެހެންފަރާތަކަށް ސަރުކާރު ތެރޭގައި ގައި ހިނގަމުން އަންނަ ކަންތައްތަ ވިއްކަން އުޅޭ ބަޔަކަށް ވެސް މިފެންނަމުން ދަނީ މީހުންގެ އެތެރެއާއި ބޭރުގައި އިޚުލާސްތެރިކަން ނެއްކަން