މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މާލެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ބައެއް މަގުތަކާއި ގޯޅިތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ޚިއްސާ ކުރެއްވި ލިޔުމުގައިވާ ގޮތުން މިއަދު ފަށަނީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ހެންވޭރު އުތުރު ސެގްމެންޓެވެ. މި ސެގްމެންޓްގައި ކުރިއަށް ދަނީ 12 މަގެއް ހެދުމުގެ މަސައްކަތެވެ.

އޭގައިވާ ގޮތުން މި ސެގްމެންޓްގައި ޖުމުލަ 1.97 ކިލޯމީޓަރުގައި ތާރު އަޅާނެއެވެ. މި ސެގްމަންޓްއަށް ޖުމުލަ 36.8 މިލިއަން ރުފިޔާ ހޭދަވާއިރު، މިއީ މުޅި މަޝްރޫއުގެ ނުވަ އިންސައްތަ ކަމަށް އެ ލިޔުމުގައިވެއެވެ.

މި ސެގްމަންޓްގައި ތަރައްގީ ކުރާ މަގުތައް ހަދައި ނިންމޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 217 ދުވަހުގެ ތެރެއިންނެވެ.

މުއިއްޒު ވިދާޅުވީ ތާރު އަޅައިގެން މާލޭގެ ބޮޑެތި ހުރިހާ މަގެއް ހެދުމުގެ ހުއްދައަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އުއްމީދަކީ އެ ހުއްދަ ވީހާވެސް އަވަހަށް ލިބިގެން ދިއުން ކަމަށް މުއިއްޒު ލިޔުއްވާފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިއަދު ފަށަން ހަމަޖެހިފައިވާ ހެންވޭރުގެ މަގުތަކާއި ގޯޅިތައް މަރާމާތުކޮށް ގާ ޖަހަން ނިންމާފައިވެއެވެ. އެއީ އަދި ތާރު އަޅަން ކައުންސިލުން ނިންމާފައިވާ މަގުތަކެއް ނޫނެވެ.

ހެންވޭރު އުތުރު ސެގްމެންޓްގައި ހަދާ މަގުތައް

 1. ވައިޓެލް ހިނގުން (14 ދުވަސް)
 2. ވައިލެޓް މަގު (24 ދުވަސް)
 3. ގުލިސްތާނު ގޯޅި (18 ދުވަސް)
 4. ހިރުނދު މަގު (15 ދުވަސް)
 5. ދުނބުރި މަގު (13 ދުވަސް)
 6. ރޯޝަނީ މަގު (38 ދުވަސް)
 7. ކުރަނގި ގޯޅި (9 ދުވަސް)
 8. ސީސަން މަގު (15 ދުވަސް)
 9. ސަނދުބަރަކަ ގޯޅި (16 ދުވަސް)
 10. ދީފުރަމް ގޯޅި (18 ދުވަސް)
 11. ގަލަދުންގޯޅި (15 ދުވަސް)
 12. ފިލިގަސް ގޯޅި (19 ދުވަސް)

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތެދު

  މިފެންނަނީއަސްލުކައުންސިލްތައް.ސާބަހޭމުއީޒް..؟!
  ސަރުކާރައްހަޖަމްވާނެބާ...؟

 2. އައްބެ

  2 ކިލޯ މީޓަރުހާ މަގު ހަދަން 214 ދުވަސްވީމަ ހާދަ ސުލޮއޭ ދޯ. މިވަރުން އަހަރުމެން މުސްކުޅިވާ އިރުވެސް ތި މަގުތައް ހަދާ ނުނިމޭނެ. ފިނަހަކަ ދުވެލި ތިޔައް ކިޔަނީ މިޒަމާނުގައި

  • ކިނބޫ

   ވާނުވާ. މުޅި ޕްރޮޖެކްޓަށް ދުވަސް ނަގާ ވަރު އެއީ. މިހާރުވެސް ތިހުރީ މުސްކުޅިވެ ލޯބޯ ކޮށިވެފައި ދޯ؟

 3. ނާޅި

  މުއީޒު އުޅެނީ މާލެ މަގުތަށް ކޮނެގެން ރައްޔުތުންނަށް އުދަގޫ ޖައްސަން ކުރިންވެސް އުޅުނު ގޮތަށް، މިހާރުވެސް ބަލާބަލަ ޕާކިން ހައްލު ކުރުމުގެ ނަމުގައި ޕާކިން ކިރުން މަނާކުރަނީ އެއީ ހައްލުތޯ ޕާކިން ކުރާނެ ތަނެއްނެތި ، ރައްޔިތުންނަށް ބޮޑު އުދަގުލެއް ކުރަނީ !