އިނގިރޭސިވިލާތުގެ ރަތް ލިސްޓު ނުވަތަ ދަތުރު ކުރުން މަނާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ރާއްޖެއިން އެގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރަތް ލިސްޓުގައި ރާއްޖެ އޮތީ ޖިނޯމިކް ސީކުއެންސިން ޓެސްޓް ނަހަދައިގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އޮފިޝަލަކު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޖިނޯމިކް ސީކުއެންސިން ޓެސްޓަކީ އެ ގައުމެއްގައި ފެތުރެމުން އަންނަނީ ކޮވިޑްގެ ކޮން ވޭރިއެންޓެއްކަން ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. މި ޓެސްޓް ހަދަން އިނގިރޭސިވިލާތުން އެދެނީ އެ ގައުމުން އެކުލަވައިލާ ރަތް ލިސްޓުން ގައުމެއް އުނި ކުރަން ބޭނުންވާ ނަތީޖާ ހޯދާށެވެ.

ރާއްޖެއިން މިހާރު އަންނަނީ އެ ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ޑރ. ފަރަހަނާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެ ތަފާސް ހިސާބުތައް ޖަހާ ވެބްސައިޓެއް ކަމަށްވާ "ޖީއައިއެސްއޭއައިޑީ" އެންމެ ފަހުގެ މައުލޫމާތާއި އެކީ އަދާމަހަ ކޮށްފައިވާ ކަމަށާއި އެހެންކަމުން މިހާރު އެގައުމުގެ ރަތް ލިސްޓުގައި ރާއްޖެ އޮންނަން ޖެހޭ ސަބަބެއް ނެފެންނަ ކަމަށެވެ.

މީގެ އިތުރުން އެހެން ގައުމުތަކާއި އަޅާ ބަލާއިރު، ރާއްޖޭގައި މިވަގުތު ވޭދަނަތައް ވެސް މަދު ކަމަށާއި ވެކްސިން ޖަހާފައިވާ މީހުންގެ އިންސައްތަ ވެސް އިތުރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސި ވިލާތު ރަތް ލިސްޓަށް ރާއްޖެ އިތުރުކޮށްފައިވަނީ މެއި މަހުގައެވެ.