ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް ކުރާ ދައުވާ ބާތިލްކޮށްދޭން އޭނާގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުއްވުން ބަލައިނުގަންނަން މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ނިންމަވައިފިއެވެ.

އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު ސަމީރެވެ. އެކަމަކު ގާޒީ މަސައްކަތް ކުރައްވާ ކޯޓު ބަދަލު ވުމުން މިހާރު އެ މައްސަލައާ ހަވާލުވެވަޑައިގަތީ ގާޒީ މިސްބާހެވެ. މިއީ ގާޒީ މިސްބާހްގެ ބެލުމުގެ ދަށުން މި ޝަރީއަތުގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ.

މީގެ ކުރިން ޒިޔާދުގެ ފަރާތުން ވަނީ ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރި އެއްބަސްވުމުގައި ވަނީ އިދާރީ އޮޅުމެއް ކަމަށް ވާތީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލްކޮށްދޭން އެދިވަޑައިގެންފައެވެ.

ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭން ކުރި ކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލައިގައެވެ.

ޒިޔާދުގެ އިތުރުން އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ ދައުވާ އުފުލާފައިވެއެވެ. އޭނާގެ ފަރާތުން ވެސް އެ ދައުވާ ބާތިލްކޮށްދޭން އެދިވަޑައިގެންފައިވެއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ދައުވާ ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ. އަދި ޝަރީއަތުގައި ހިމެނޭ މަރުހަލާތައް ދެން އޮތް އަޑުއެހުމަކުން ފެށިގެން ކުރިއަށް ދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މައްސަލަ ދިގުލާތީ ދިފާއީ ވަކީލުގެ ކަންބޮޑުވުން

މިއަދުގެ އަޑުއެހުމުގައި އަހުމަދު ޒިޔާދު ބާގިރާއި އިބްރާހީމް އަބްދުﷲ ސައީދުގެ ފަރާތުން ވެސް ހުންނެވި ދިފާއީ ވަކީލް ނޫރުއްސަލާމް ވިދާޅުވީ، ދެ ބޭފުޅުންގެ ފަރާތުން ވެސް މުޖުތަމައުއަށް ގިނަ ޚިދުމަތްތަކެއް ކުރެވެމުންދާއިރު މައްސަލަ ގޮތެއް ނުނިމި ދިގުލައިތީ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުންނެވި ކަމަށެވެ.

ޒިޔާދުގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. ޝަރީއަތް ކޯޓުގައި އޮންނަތާ އަހަރެއް އަންނަ މަހަށް ހަމަވާނެ ކަން ވެސް ދިފާއީ ވަކީލް މިއަދު ފާހަގަ ކުރެއްވިއެވެ.

ދިފާއީ ވަކީލް ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައިގެ ތާވަލެއް ނުލިބި، ކޮންމެ ސަބަބަކާ ހުރެ ވިޔަސް މައްސަލަ ބައްލަވާ ގާޒީ ވެސް ބަދަލު ވަމުން ދާތީ މިހާރު އެ މައްސަލަ ދަނީ "ވާނުވާ" އެއްގެ ތެރޭގައެވެ.

ދިފާއީ ވަކީލު ލަފާ ކުރައްވާ ގޮތުގައި، މި މައްސަލައިގައި ޝަފަކީ ހެކިތައް މަދު ވުމުން މި މަސް ތެރޭގައި ވެސް މައްސަލަ ބައްލަވާ ނިންމެވޭނެއެވެ. ބޭނުންވަނީ ހެކި ބަސް ނަގަން އަޑުއެހުމަކާއި ޚުލާސާ ބަޔާން އިއްވަން އަޑުއެހުމަކާއި ހުކުމް އިއްވަން އަޑުއެހުމެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާ ވެސް އަވަހަށް ގެންދެވެން އޮތް މައްސަލައެއް އަހަރެއްހާ ދުވަހަށް ދިގުލައިގެންދާތީ ވަކީލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މި ކަންކަން ފާހަގަ ކުރެއްވުމަށް ފަހު، ދިފާއީ ވަކީލް އެދިވަޑައިގަތީ މައްސަލަ ވީހާ ވެސް އަވަސް ކޮށްދިނުމަށާއި މައްސަލަ ކުރިއަށް ދާނެ ގޮތުގެ ތާވަލެއް ދެއްވުމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތްތައް ގެންދާނެ ތާވަލުތައް އެހެން މައްސަލަތަކުގައި ވެސް ދަނީ އަރުވަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ދައުލަތުން އެއްޗެއް ވިދާޅުވާން ފުރުސަތު ދެއްވުމުން، ދައުލަތުގެ ވަކީލް ޝައިމާ އަހުމަދު ވެސް ވިދާޅުވީ ދައުލަތުން ވެސް އެދިވަޑައިގަންނަވަނީ ދިފާއުން ވެސް އެދިވަޑައިގެންނެވި ގޮތަށް މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ކުރިއާލާ އެރުވުމަށެވެ.

ދެ ފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، ގާޒީ ވިދާޅުވީ އަދި މައްސަލަ ގެންދާނެ ގޮތުގެ ތާވަލެއް ނެތް ކަމަށާއި އެހެންވިޔަސް ދެން އޮތް އަޑުއެހުމަކަށް ތާވަލެއް އެކުލަވާލާނެ ކަމަށެވެ. އެހެންވިޔަސް ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ވެސް ގާޒީ ވިދާޅުނުވެ އަޑުއެހުން ނިންމަވާލެއްވިއެވެ.