ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ހިންގުން މިހާރަށްވުރެ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކޮމިޓީތަކަށް އުފައްދަން ނިންމައި، ޕާޓީއަށް ތާއިދު ހޯދަން ރަށްރަށަށް ދަތުރުތަކެއް ކުރަން ނިންމައިފިއެވެ.

ޖޭޕީގެ ކައުންސިލުން އެގޮތަށް ނިންމީ ރޭ ކުރިއަށް ދިޔަ ޕާޓީގެ 143 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.

ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާ ގޮތަށް 29 ކައުންސިލް މެންބަރުންނާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް މިވަގުތު އަލަށް އުފެއްދުމަށް ފެންނަ 10 ކޮމެޓީއެއް ކައުންސިލަށް ހުށަހެޅި ކައުންސިލުން ވަނީ އެކަމަށް ރުހުންދީފައެވެ.

އަދި ކައުންސިލްގެ 15 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ ދެ މެމްބަރަކު ހޮވުމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަން ވެސް ނިންމިއެވެ.

އެ ދެ ގޮނޑި މީގެ ކުރިން ފުރުއްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނަޒީމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއެވެ. ޖޭޕިން ވަކިވެވަޑައިގެން އެ ދެ ބޭފުޅުން ވަނީ މޯލްޑިވް ނެޝަނަލް ޕާޓީއެއްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވާފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ޖޭޕީގެ ސިޔާސީ ހަރަކާތްތައް ވަރަށް ބޮޑަށް ވަރުގަދަ ކުރިއެވެ. 2019 ވަނަ އަހަރު އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެއިންތިހާބަށް ފަހު ވެސް ކޮންމެ ހަފްތާއަކު ކުނޫޒްގައި ޖަލްސާތައް ވެސް ބާއްވަމުން ދިޔައެވެ. ނަމަވެސް ކޮވިޑް ކުރިމަތިވުމާއިއެކު ޖޭޕީގެ ސިޔާސީ ހަރަކާތްތައް އެއްކޮށް ހުއްޓުނެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުން ބާއްވާ ސިޔާސީ ހަރަކާތްތައް އަލުން ފެށީ މިމަހުގެ ކުރީކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަނިކު

    އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަކީ ވެސް ޖޭޕީގެ ދެ މެމްބަރުން.އެކަމަކު މިހާރު ފޫހިވެއްޖެ.

    8
    1
  2. ސަންޕާ

    ކޮންމެހެން ވޯޓެއް ހޯދަން އުޅޭނެކަމެއްނެތް، އަދިވެސް މީހަކާ އިނދެލެވޭތޯ ބަލާ،

    1
    1