ޅ. ފެލިވަރުގައި ހުންނަ ދަޅުމަސް ބަންދުކުރާ ކާރުހާނާ ތަރައްގީކޮށް، އާ މަސް ކާރުހާނާއެއް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ކުރުމުގެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަން "ވަގުތު" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގިއްޖެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަމުންދާ މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓު (ޑީޕީއާރު) ތައްޔާރުކޮށްފައި ވަނީ ދިވެހި ސަރުކާރުން ހޮވި ފަރާތަކުންނެވެ. މި ރިޕޯޓު އިންޑިއާ ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީތަކުން ބަލައި ފާސްކޮށްފައިވާ އިރު، މަޝްރޫއު ފުރިހަމަ ކުރުމަށް ދެ އަހަރު ނަގާނެ ކަމަށް ލަފާ ކުރެވެއެވެ.

"ވަގުތު" އަށް ލިބިފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުން ފެލިވަރު މަސް ކާރުހާނާ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 100 ޓަނުގެ ކަނޑު މަސް އަށް ގަޑިއިރުގެ ޝިފްޓުގައި ގަނޑު ކުރެވޭ އައު ރިފްރިޖަރޭޝަން ކޮމްޕްލެކްސްއެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޮނު ފެން ގަނޑުކޮށް 80 ޓަނުގެ ކަނޑު މަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކަކާއި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ޕަވާ ހައުސްއެއް ގާއިމު ކުރާނެއެވެ.

ފެލިވަރުގައި މަސް ދަޅު ބަންދު ކުރަނީ. --- ވަގުތު އިމޭޖަސް

މީގެއިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ދަޅު އުފައްދާ އިތުރު ފެކްޓަރީއަކާއި ދުވާލެއްގެ މައްޗަށް 100 ޓަނުގެ ކަނޑު މަސް ޕްރޮސެސްކޮށް ދަޅު މަހާއި ކައްކާ ގަނޑު ކުރެވިފައިވާ މަސް ބުރި އަދި ޕައުޗް ފަދަ އެތައް ޕްރޮޑަކްޓް އުފެއްދޭ ފެސިލިޓީއެއް ގާއިމު ކުރާނެއެވެ.

އަދި ދުވާލެއްގެ މައްޗަށް 40 ޓަނުގެ 'ފިޝްމީލް' އުފެއްދޭ ޕްލާންޓްއަކާއި، ދުވާލެއްގެމައްޗަށް 50 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއްގެ އިތުރުން 100 ޓަނުގެ އައިސް ސްޓޯރެޖް ކެޕޭސިޓީއެއް ގާއިމް ކުރެވޭނެއެވެ.

މި މަސައްކަތްތައް ކުރަން ރޭވި އިރު، ފެލިވަރު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ މި އަހަރުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ.

ފެލިވަރުގައި މަސް ދަޅު ބަންދު ކުރަނީ. --- ވަގުތު އިމޭޖަސް

ފެލިވަރުގެ އިތުރުން ގއ. ގެމަނަފުށީގައި ދުވާލެއްގެ މައްޗަށް 50 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެއް ގާއިމު ކުރުމާއި 8-10 ޝިޕިން ކޮންޓެއިނަރު ޓްރާންސްޕޯޓް ކުރެވޭ ލޭންޑިން ކްރާފްޓެއް ވެސް ގާއިމް ކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް އެ ކަރުދާހުގައިވެއެވެ. މިފްކޯގެ ވިޔަފާރި ފުޅާ ކުރުމަށް ހިންގޭ މި މަޝްރޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ސިގްނަލްކުރި އެންމެ ފުރަތަމަ މަޝްރޫއު ތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެކެވެ.

ފެލިވަރު މަސް ކާރުހާނާ. --- ވަގުތު އިމޭޖަސް

މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ، ރާއްޖޭގެ އިގްތިސާދުގެ އެއް މައިނާރެހެވެ. ވަކިން ހާއްސަކޮށް މަސްވެރިކަމަކީ ރާއްޖެތެރޭގެ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދިރިއުޅުމާއި އާމްދަނީއާއި ވަރަށް ބޮޑަށް ގުޅިފައިވާ ސިނާއަތެކެވެ. މި މަޝްރޫއުގެ ސަބަބުން މަސްވެރިންނަށް ދިމާވެފައިވާ ޕްރޮސެސިން ކެޕޭސިޓީއާއި ސްޓޯރެޖްގެ ދަތިތަކަށް އެތައް ލުއެއް ލިބިގެންދާނެކަމަށާއި، ދިވެހި މަސްވެރިންގެ އާމްދަނީ އިތުރުވުމަށް މަގުފަހި ވެގެންދާނެކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫއުގެ މަސައްކަތް ފުރިހަމަކުރެވި އޮޕަރޭޝަނަލައިޒް ކުރެވުމުން ދިވެހި މަސްވެރިކަމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. މިގޮތުން މި މަޝްރޫއުގެ ސަބަބުން ފިޝަރީޒް އެކްސްޕޯޓުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތައް ޓެކްނޮލޮޖިކަލް ކުރިއެރުމެއް ލިބި، ޒަމާނީ ކުލަ ޖެހިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ބްރިޖް ، ކާރުޚާނާ ތިޔައީ 2023ށް އަރުވާ އަޑު! ހޭކިހޭކިތިއްބާ ދައުރު ނިމޭނެ! މަސް ކާރުޚާނައެއް ފެންވަރުގައި ހަދާ އިންސްޓޯލްކުރުމަށް ދެ އަހަރުވަރު ބޭނުންވާނެ!

  2. ސެންޗޯ

    ފެލިވަރަކު ނޫން މަސްކާރުހާނާ އަޅަން ވީކީ މަސްތުވާ ތަކެތިން ސަލާމަތް ވާން ބޭނުންވާ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަަދުގައި ތި ތަންތަން ހަނދަންވީ އައްސޭރިޖަލު ނުވަތަ މާފުށީ ޖަލުގައި

  3. ކޫއްޑޫ މުޙައް

    ހިންނަވަރު އިބްރާއަށް އޮތީ ހަމައެކަނި ފެލިވަރެއް! ކޮބާތޯ ކޫއްޑޫ؟ 2018 ގެ ވައުތުތައް ހަދާން ނެތުނީތޯ! 2023 ވޯޓް ހޯދަން ހުވަދު އަތޮޅު ރަށްޔިތުން ކައިރިއަށް ނާންނާތި.

  4. ރަތުނާ

    3 އަހަރުން ކަމެއްނުވި ބައެއް. އަވަހަށް ކަރުދާސް ތައްޔާރުކުރޭ މަތިންދާ ބޯޓު އުފައްދާ ފެކްޓަރީ އެއް އައްޑޫގައި ، ހަދާވާހަކަ. ވޯޓެއް ނުދޭނެ ރައްޔިތުންނަށް އޮޅުވާދެން ނުލެވޭނެ

  5. ފަޓާސް

    މިއަހަރުގެ މަސްވެރިކަން ފެށެންވާއިރަށް އަވަހަށް ފެންޖަހާ ގިނިމަޑުކުރެވޭތޯ މަސައްކަތް މިހުރީ ފެށިފައި. ބިން ހިއްކުމުގެ މަސައްކަތް ޙަވާލު ކުރި ފަރާތުންވަނީވަނި ބީރުކަންފަތަކުން އަޑުއަހާފައިތަ