ސްޓެލްކޯގެ ޖަނަރޭޓަރުތަކާއި ދުން ހޮޅިތަކާއި، ތެޔޮ ތާނގީތައް ބެހެއްޓުމުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ތަފާތު އެކި އުނދަގޫތައް ވަމުން ދިޔުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެނެޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީއާއި ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީން މިހާރު ކުރިއަށްދާ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދުގެ ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ސްޓެލްކޯ އަދި އެޗްޑީސީގެ އިސް މަގާމުގައިތަކުގެ ބޭފުޅުންނެވެ.

ކޮމިޓީގައި ލިބިވަޑައިގެންނެވި ފުރަތަމަ ފުރުސަތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އެ މަައްސަލައަކީ ކޯޓުގައި ހިނގާމުންދާ މައްސަލައެއް ކަމަށްވާތީވެ އެ ކުންފުނީގެ ވަކީލުންގެ ޓީމުން ގާނޫނީ ލަފައެއް ދެއްވާފައިވާ ކަމަށެވެ. އެހެންވެ އެ މައުލޫމާތުތައް ހާމަކުރެވޭނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންގޮސްގެން ކަމަށް މުގުނީ އެދިވަޑައިގެންނެވުމުން ކޮމިޓީ ސިއްރުކުރިއެވެ.

ސްޓެލްކޯ އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް، ނުވަތަ ސްޓެލްކޯ އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުމަށް ގޮވާލާ ރައްޔިތުން މަޖިލީހަށް އެ މައްސަލަ ގަރާރެއްގެ ގޮތުގައި ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްއެވެ.

މި މައްސަލައަކީ އެތައް އިދާރާތަކާއި ހާޒިރުކުރަން ޖެހޭ މައްސަލައަކަށްވާތީވެ ކޮމިޓީން ނިންމީ ހަ އިދާރާއެއްގެ އިތުރުން މަޖިލީހަށް ޕެޓިޝަން ހުށަހެޅި، ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ މީހުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރާށެވެ.

އެ ގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ސްޓެލްކޯ، އެންވަޔަރަމަންޓް މިނިސްޓްރީ، ސިޓީ ކައުންސިލް އަދި އެޗްޑީސީގެ އިތުރުން ޕްލޭނިން މިނިސްޓްރީ ހާޒިރުކޮށް ސުވާލުކުރަން ވަނީ ނިންމައިފައެވެ.

ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށްދާ ގޮތަކުން ހާޒިރުކުރަން ޖެހޭ ފަރާތްތައް ސަބް ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރަން ވަނީ ނިންމާފައެވެ. ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ކޮމިޓީއަށް ހާޒިރުވެ މައުލޫމާތު ދީފައެވެ.

ކޮމިޓީން ނިންމާފައިވަނީ ސަބް ކޮމިޓީގެ މަސައްކަތް ސެޕްޓެމްބަރު 11 އަށް ނިންމައި ޖޮއިންޓް ކޮމިޓީއަށް ރިޕޯޓް ހުށަހެޅުމަށެވެ. ކޮމިޓީ ރިޕޯޓަށް ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމަން ވެސް ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކުޑަކުދިންގެ ބަނގީޗާޔަށްދާ ކުދަކުޑިންނަށް ގެއްލުމެއްނުލިބޭބާ ؟

  2. ބޯޖަލީލު

    ތިޔައީ ނަސީދުގެ އައުވާނަކަށް ރުފިޔާތަކެއްދޭންވެގެން ހިންގާ ޖަރީމާއެއް ، ނަސީދުގެ ވަރަށްއަރިސް ބޭފުލަކު އެދިގެން ދޮންހޮޅީގެ މައްސަލަތިހާބޮޑުކޮށްލީ މީކާއިލް ...

  3. ސސ

    މީރައްޔިތުންގެ މަޖިލިހެއްބާ ކޮންދުވަހަކު މިމާލެ ދުއްވާ އެއްޗެހިން ތޮއްޖެހިފައި އޮންނައިރު މަޖިލިސްގެ ހހންނަ މަގުބަންދު ކޮށްގެ ރައްޔިތުންނަށް ބޮޑު އުދަގުލާއި ތުރާޖައްސަނީ މިތަން ހުޅުމާލެޔަށް ބަދަލް ކުރަން ނުވޭބާ ؟