ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މީސް މީޑިއާ އެކައުންޓްތައް ވެރިފައި ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ފާސްކޮށްފިއެވެ.

އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވީ ބައެއް މެންބަރުންގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައިގެން ނުބައި މައުލޫމާތު ފަތުރަމުންދާކަން ފާހަގަ ކުރެވިފައި އޮންނަ ކަމަށެވެ.

ރައްޔިތުން ތަމްސީލް ކުރައްވާ މެންބަރުންގެ ނަމުގައި ފޭކް އެކައުންޓް އުފައްދައިގެން، މެންބަރުންގެ އަބުރާއި ތަސައްވުރަށް އުނިކަން އަންނާނެ ފަދަ އަމަލުތައް ވެސް ހިނގާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާއި އެހެންވެ މެންބަރުންގެ އެކައުންޓްތައް ވެރިފައިކޮށް ދިނުމަށް އޭނާ ހުށަހެޅުއްވިއެވެ.

"މެންބަރުންގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައިގެން ނުބައި މައުލޫމާތު ފެތުރުން ކަންބޮޑުވާ ހިސާބަށް ގޮސްފައި އެބަ އޮތް، މަޖިލީހުގެ އިދާރާއިން މެންބަރުންގެ އެކައުންޓްތައް ވެރިފައިކޮށްދިނުން މުހިއްމު،" މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާގެ އެ ހުށަހެޅުއްވުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.

ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ، މަޖިލީހުގެ ހުރިހާ މެންބަރުންގެ މީސް މީޑިއާ އެކައުންޓްތައް ވެރިފައިކުރުމުގެ އިންތިޒާމުތައް ހަމަޖައްސަން މަޖިލީހުގެ އިދާރާގައި ދަންނަވާނެ ކަމަށެވެ.

މަޖިލީހުގެ ގިނަ މެންބަރުންނެއް މިހާރު ވެސް ޓްވިޓާ އެކައުންޓް ވެރިފައި ކޮށްފައިވެއެވެ. އެކަމަކު ބައެއް މެންބަރުންގެ އެކައުންޓް ވެރިފައި ނުކޮށް ހުރިއިރު، މަޖިލިސް މެންބަރުންނާއި ސިޔާސީ ބައެއް ބޭފުޅުންގެ ނަންނަމުގައި ފޭކް އެކައުންޓް ހަދައިގެން ޓްވީޓް ކުރުމާއި ޕޯސްޓް ކުރުމަކީ އާންމު ކަމެކެވެ. ބައެއް ފަހަރު އަސްލު އެކައުންޓްގެ ފޮޓޯއެއް ބޭނުންކޮށްގެން ނުކުރާ ޕޯސްޓެއްގެ ފޭކް ފޮޓޯއެއް ހަދައިގެން ވެސް ދައުރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު