ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދާ ގޮތަށް ތާވަލުކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.

މީގެ ކުރިން ވެސް މި ޝަރީއަތުގެ އަޑުއެހުންތައް ދަށު ކޯޓުގައި ކުރިއަށް ގެންގޮސްފައި އޮތީ ސިއްރުކޮށްގެންނެވެ. މި ގޮތަށް ސިއްރުކޮށްގެން ގެންދިޔަ އަޑުއެހުމަކުން އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ޝަރީއަތުން ދެއްވި ހުއްދައެއްގައި ބޭރަށް ވަޑައިގެންނެވި ގޮތަށް އޭނާ ހުންނެވީ ބޭރުގައެވެ.

އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އަލީ ވަހީދު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހަވީރު ދިވެހި ނޫސްވެރިންނާއި ބައްދަލު ކުރައްވަން ދައުވަތެއް ދެއްވައި، އެ ޕްރެސް ދެއްވަން ވަޑައިގެން ހުންނަވަނިކޮށް ކަމަށް އެނގިފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލީ ވަހީދުގެ ވިސާގެ މައްސަލައެއް ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުގައި ރިޕޯޓް ކޮށްފައެވެ. މީގެ ކުރިން ދިވެހި ފުލުހުން ވެސް ވަނީ އިންޓަޕޯލްއާއި އިނގިރޭސި ފުލުހުން މެދުވެރިކޮށް އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ހައްޔަރު ކޮށްފައި މި ވަނީ އޭނާގެ މައްޗަށް ޖަލު ހުކުމެއް ވެސް އިއްވާފައިވަނިކޮށެވެ. އެއީ ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް އަލީ ވަހީދު އަމަލު ނުކުރުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ބޭސްފަރުވާއަށަށެވެ. އަދި އެ ހުއްދަ އަލީއަށް ކޯޓުން ދިނީ އޭނާގެ ބަދަލުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.

ޖާމިނުވެފައިވާ އެއްބަސްވުން ހަމަވި ފަހުން ދެން ކޯޓުން އެ މައްސަލަ ގެންދަން ނިންމެވީ އޮންލައިންކޮށް އަލީ ވަހީދު ޝަރީއަތުގައި ބައިވެރިކުރާ ގޮތަށެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް މައްސަލަ ގެންދިޔައީއެވެ.

ސުޕްރީމް ކޯޓަށް އަލީ ވަހީދު ހާޒިރު ވާން އެންގީ އޮންލައިން ޝަރީއަތް ގެންދަން ދަށު ކޯޓުން ނިންމި ނިންމުން ދައުލަތުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ އަޑުއެހުމަކަށެވެ.

އަލީ ވަހީދު "ފިލައިގެން" ދިޔަ ކަމަށް ބުނެ އާންމުންގެ ގިނަ ފާޑިކިއުންތަކެއް އޭނާއަށާއި ސަރުކާރަށާއި ޕްރޮސެކިއުޓާ ޖެނެެރަލްގެ އޮފީހަށާއި ކްރިމިނަލް ކޯޓަށް ވެސް އަމާޒުވެގެން ދިޔައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  1. ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ
  2. ޖިންސީ އަނިޔާ ކުރުމުގެ ދައުވާ
  3. ރޭޕް ކުރަން އުޅުމުގެ ދައުވާ
  4. ޖިންސީ ގޯނާ ކުރުމުގެ ދައުވާ
  5. ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާއެއް
  6. ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ އިތުރު ދައުވާއެއް

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަލީ ވަހީދު ވެސް ދައުލަތް އޮރިޔާން ކޮށްލަފާނެތީ ސަރުކާރުން ބިރުގަތީތަ؟ ބިތުފަންގި ނަގާވަރަކަށް ދާނީ ގައުމު އޮރިޔާންވަމުން އަދި މިއީ ސައްޙަނޫން ނަހަލާލު ސަރުކާރެއްކަމާއި 2018ގެ ރިޔާސީ އިންތިޚާބުން މިގައުމުގެ ރައީސަކަށް ހޮވުނީ ކޮންބޭކަލެއްކަންވެސް އެނގިގެންދާނެ، ކިތައްމެވަރަކަށް ޝަރީއަތް ސިއްރުކުރިޔަސް ﷲއަށް އެއްކަމެއްވެސް ސިއްރުނުކުރެވޭނެ އަދި އެކަނލާގެ ފާޅުވެސްކުރައްވާނެ ކަންތައް ކުރައްވާނެތެވެ، ކޮންމެކަމަކަށްވެސް ހައްޤުޖަޒާ ދެއްވާނެކން ޔަގީންކަޝަވަރު، މަކަރާއި އޮޅުވާލުމަށްވުރެ ވަކިނުބައިކަމެއް .....

  2. ކޮރަލް

    ކޮރަޕްޝަން ގެ އެއްވެސް ދައުވާ އެއް ނެތެވެ.