ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި ގަވާއިދުތައް އޯޑިއޯ މެދުވެރިކޮށް އަޑު އަހާލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އޭޖީ އޮފީހުން ވިދާޅުވީ އެ އޮފީހާއި ޔޫއެންޑީޕީ އަދި އޮސްޓްރޭލިޔާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ ގާނޫނުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދުގެ އޯޑިއޯ ރެކޯޑިންތައް އެޓަނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް އަދި އެމްވީލޯ ވެބްސައިޓުގައި އާންމުކުރެވިފައިވާ ކަމަށެވެ.

މި މަސައްކަތަކީ، އޭޖީ އޮފީހުން ޤާނޫނުތަކާއި ގަވާއިދުތައް ޝާއިއުކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ފަސޭހައިން ވާސިލްވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވިފައިވާ މަސައްކަތެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގާނޫނީ އެކި މަސްދަރުތަކަށް އަހުލުވެރިވުމަށާއި، އެންމެ އެދެވިގެންވާ ގޮތުގައި ގާނޫނީ ދާއިރާއާ ގުޅޭ މައުލޫމާތު ލިބުމަށް ދަތިވެފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައަށް މި މަސައްކަތުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް އޭޖީން ދެކިވަޑައިގަންނަވައެވެ.

އަދި މި މަސައްކަތުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މެދުގައި ގާނޫނީ އަހުލުވެރިކަން އިތުރުވެގެންދިއުމަށް މަގުފަހިވެގެން ދާނެކަންވެސް އޭޖީން ވަނީ ފާހަގަކޮށްފައވެ.

އޭޖން ވިދާޅުވީ ގާނޫނީ ދާއިރާ އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ މަގްސަދުގައި، ގާނޫނުތަކާއި ގަވާއިދުތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރިއަށް އޮތް ތަނުގައި، އިތުރު ގާނޫނުތަކާއި ގަވާއިދުތަކުގެ އޯޑިއޯ ރެކޯޑިންތައްވެސް ވެބްސައިޓްގައި އާންމު ކުރެވިގެންދާނެ ކަމަށެވެ.