ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މެދުވެރިކޮށް ދިިވެހިންނަށް ބޭވަފާތެރިވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ، "ފޯޅަވަހި ކޯލިޝަނުން" ކާނިވާ ސަރަހައްދުގައި "ބާނަ ބާނަ ތިއްބާ އެ ވިއްކާލީ ކަނޑު" ނަމުގައި ބޭޢްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަލީ ހުސެއިން ވިދާޅުވީ ދިވެހި މަސްކަނޑުން ބައެއް ގެއްލުމަކީ ދިވެހިންގެ ޝަރަފާއި ގައުމުގެ ކަރާމަތާއި ގުޅިފައިވާ ކަމެއް ކަމަށެވެ. މިހާރު ހުންނެވި ރައީސް ސޯލިހް ރައްޔިތުން މަޖިލީހުގައި ހުންނަވައިގެން ދިވެހި ރާއްޖޭގެ މަސްކަނޑުގެ ނިސްބަތަކީ، ނުވަތަ ކަނޑައަޅާ ވަކިން ހާއްސަކޮށްފައިވާ އިގްތިސޯދީ ސަރަހައްދަކީ 200 ނޯޓިކަލް މެއިލް ކަމަށް ކަނޑައެޅި ގާނޫނަށް ވޯޓު ދެއްވާފައި އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަނޑު ވިއްކުމާއި ދެކޮޅަށް މިރޭ ބޭއްވި ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ-- ފޮޓޯ: އަބްދުﷲ އަބީދު

"މިއަދު އެމަނިކުފާނުގައި ނެތޭ ހިތްވަރެއް. ހިތްވަރު ނެތްތާ ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ދިވެހި ގައުމު ދިފާއު ކުރުމުގެ ބަދަލުގައި އަޅުގަނޑުމެންނަށްވީ ބޭވަރާތެރި، އަޅުގަނޑުމެނަށްވީ ގައްދާރު، ހިޔާނާތްތެރި. ހަގީގަތުގައި ފަހުގެ ތާރީހެއްގައި ދިވެހި ގައުމަށް އެންމެ ބޮޑު ހިޔާނަތްތެރިވި މީހެއްގެ ގޮތުގައި ލިޔެވިގެންދާނެ މި ސަރުކާރުގައި ތިއްބެވި މީހުން. މި ސަރުކާރުގެ ވާހަކަ ދިވެހި ތާރީހުގައި ލިޔާނީ ގައުމަށް ހިޔާނަތްތެރިވި، ދިވެހި މަސްކަނޑު ވިއްކާލި ސަރުކާރުގެ ގޮތުގައި." އަލީ ހުސެއިން ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ކޮންމެ ތާކުން ތިއްބަސް، ކޮންމެ ފިކުރެއްގައި ތިއްބަސް، ކޮންމެ ހިޔާލެއްގައި ތިއްބަސް، ގައުމާއި، ގައުމުގެ މިނިވަންކަމާއި ޖެހުމުން ގައުމާއި، ގައުމުގެ ހައްގަށްޓަކައި އަދިވެސް ނިކުންނާނެ ކަމަށް މިރޭގެ ޖަލްސާއިން ރައްޔިތުން ސާބިތުކޮށްދީފި ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސެއިޖް ވިދާޅުވީ އިޓްލޮސްގެ ނިންމުމާއި ހިސާބުން ކަރުއެލުވާލައި އުންމީދު ކަނޑާލާކަށް ނުޖެހޭ ކަމަށެވެ. ދިވެހިންނަށް ކަނޑު ގެއްލުނީއެއް ނޫން ކަމަށާއި ކުރެވޭނެ ކަންތައް އަދި ކުރާނެ ކަންތައް ލައްކަ ބައިވަރު އެބަހުރި ކަމަށް ވިދާޅުވިއެވެ.

"ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ނަމުގައި މިރޭ ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

" ޗާގޮސްގެ މައްސަލައާއި ދިވެހި ކަނޑުގެއްލުނު މައްސަލަ އެއްމައްސަލައެއްގެ ގޮތުގައި ބަޔާން ކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. ދިވެހި މަސްކަނޑު ގެއްލުމަކީ ގައުމީ މައްސަލައެއް. އެއީ މަޖިލީހުން ނިންމާފައިވާ 200 ނޯޓިކަލް މެއިލް ދިވެހިންނަށް ހައްގުކަމަށް ބުނާ ގާނޫނާއި ހިފާލުވެފައިވާތީ މި ސަރުކާރުން.". އަލީ ހުސެއިން ވިދާޅުވިއެވެ.

ހަގީގަތުގައި ބަންޑާރަ ނައިބު ކުރައްވަންވީ ކަމަކީ ދިވެހިންގެ ހައްގުގައި ގާނޫނު ދިފާއުކު ރުން ކަމަށާއި އެހެންނަމަވެސް ބަމްޑާރަ ނައިބު ވަޑައިގެން ސިއްރު ސިޓީގައިވާ ކަންތައްތަކުގެ ވާހަކަދައްކަވާފައި ވިދާޅުވީ "އަމޭ ގެންދާށޭ އަމޭ ގެންދާށޭ ދިވެހިން ކަނޑުގެ ސަރަހައްދު މިހާރުވެސް މާބޮޑޭ އުދަނގޫވެގެންނޭ މިއުޅެނީ." ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ދިވެހިން މި ސަރުކާރު ގެނައީ މަސްކަނޑުތައް، ދިވެހި ބިން ފޮތިފޮތި ކޮށްފައި ވިއްކަން ކަމަށެވެ. އަދި މި ސަރުކާރުގެ ގެނައީ ދިވެހި ރާއްޖޭގެ އަބުރާއި އިއްޒަތާއި ޝަރަފާ ކަރާމާތް ވެއްޔާ މޮޑެލާކަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ. މި ސަރުކާރުގެ ފަރާތްތަކަށް މަސްއޫލިއްޔަ އަދާނުކުރެވޭ ކަމަށްވާނަމަ މަގާމުން އެއް ކިބާވުމަށް އަލީ ހުސެއިން ގޮވާލެއްލެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޮއްކޮ

    ތީކަލޭމެން ވެރިކަމުގެ ދަހިވެތި ކޯޅުންގަނޑު މާރަނގަޅު ވާނެ ދިވެހި މުޖުތަމައު ޑުރަގުން ސަލާމަތް ކުރަން މަސައްކަތް ކުރިޔާމު ޑުރަގާހުރެ އެތައްބަޔަކު މަރުވަނީ