ގައުމުގެ އޮކްސިޖަން އަކީ މިނިވަންކަން ކަމަށާއި ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް ވުރެ ވެސް ގައުމުގެ މިނިވަންކަން މުހިއްމު ކަމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިނަށް މިއަދު ނައިފަރަށް ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ނައިފަރަށް ދެވުމުން އޭނާއަށް ކުރެވެނީ އަމިއްލަ ރަށަށް ދެވުމުން ކުރެވޭ ކަހަލަ އިހުސާސެއް ކަމަށެވެ. ސަބަބަކީ އޭނާގެ ތަޢުލީމީ ބިންގާ އެޅުނީ ނައިފަރުން ކަމަށް ވާތީކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންނަށްޓަކައި, އަޅުގަނޑުމެންގެ ދަރިންނަށްޓަކައި މި ޤައުމުގެ މުސްތަގްބަލަށްޓަކައި ޝަހީދުވި އެތައް އަބުޠާލުންތަކެއް ދުނިޔެ ދޫކުރައްވާ ގުރުބާންވެ ދިޔައީ އެންމެ ކަމަކަށްޓަކައެވެ. އެއީ ރަށްރަށުގައި އަޅާ ބަނދަރުތަކާއި އަޅާ ތާރު މަގުތަކާއި ޓާފު ދަނޑުތަކައް ނޫން ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު މި ދައްކަވަނީ އަޅުގަނޑުމެން އެކި ކަންކޮޅުތަކުގައި މި ދައްކަވަނީ މި ދިވެހި ޤައުމަށްޓަކައި, އަޅުގަނޑުމެންނަށްޓަކައި އަޅުގަނޑުމެންގެ ދަރިންނަށްޓަކައި އަޅުގަނޑުމެންގެ މުސްތަޤްބަލައްޓަކައި ޝަހީދުވި އެތައް އަބުޠާލުންތަކެއް މި ދުނިޔެ ދޫކުރައްވާފައި ހިނގައްޖެ. އެ ބޭފުޅުންގެ ލެއިން މި ޤައުމައްޓަކައި ޤުރުބާންވީ އެންމެ ކަމަކަށްޓަކައި. އެއީ ކޮންމެހެން މި ރަށްރަށުގައި އަޅާ ބަނދަރުތަކާއި އަޅާ ތާރު މަގުތަކާއި ނޫނިއްޔާ އަޅާ ޓާފު ދަނޑުތަކަކަށް ނޫން. އެ ޤުރުބާނީ ހަޤީގަތުގައި އެ ބޭފުޅުން އެވީ މި ދިވެހި ޤައުމު މިނިވަން ކަމުގައި މިނިވަން ޤައުމެއް ގޮތުގައި ބޭއްވުމައްޓަކައި." އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ މި ޤައުމުގެ ތަރައްްޤީގެ މަގުގައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް ގާސިމް ވިދާޅުވަމުން ގެންދަވަނީ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރެވެނީ އޮކްސިޖަން ލިބިގެން ކަމަށްވާތީ ކަމަށާއި އެ އޮކްސިޖަންއަކީ މި ޤައުމުގެ މިނިވަންކަމަށް ވާތީކަމަށް ވިދާޅުވިއެވެ. އެހެން ކަމުން މިނިވަންކަން ނެތް ޤައުމެއްގައި ކުރާނެ ކަމެއް ހިންގާނެ ޕްރޮޖެކްޓެއް ނޯންނާނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި މި ދަތުރު ތަކުގައި ހަނިމާދޫއިން ފެނިގެންދިޔައީ އެ ހިސާބުގައި އިންޑިއާގެ ސިފައިން ތިބި މަންޒަރު ކަމަށާއި, ފެނިގެން މި ދަނީ މާލޭގަ ހުރި "ޑިފެންސް މިނިސްޓްރީ" އަށް ބޭރު ޤައުމެއްގެ ސަފީރެއްގެ ކާރުކޮޅު ވަދެގެންދާ މަންޒަރު ކަމަށާއި, އަދި ލ.އަތޮޅާއި އައްޑު އަތޮޅުގައިވެސް އިންޑިއާ ސިފައިން އެބަތިބި ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ދިވެހި ޤައުމުގެ ނަމުގައި ނަގާފައިވާ ލޯން ނުދެއްކިއްޖެނަމަ މިޤައުމުން ބައެއްވެސް ވިއްކާލަން ޖެހިދާނެ ކަމަށާއި, ދާދި މިދާކަށް ދުވަހު ސްރީލަންކާގައި މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ކަމަށެވެ.

"އަޅުގަނޑުމެން ގެއެއް އަޅަން ލޯނު ނަގާ އެ ނުދެއްކުނީމާ ދެން ވާގޮތަކީ ކޯޓުން ކުރާނީ ހުކުމް. ގެއިން ޖެހޭނީ ނިކުންނަން. ގެ ވިއްކާލަން ޖެހޭނީ. ހަމަ އެގޮތް މެދުވެރިވާނެ ދިވެހި ޤައުމުގެ ނަމުގައި ނަގާފަހުރި ލޯނުތައް އަޅުގަނޑުމެނައް ނުދެއްކިއްޖެނަމަ އަޅުގަނޑުމެންގެ ޤައުމަށް ވެސް ދިމާވާނީ އެހެން. އަޅުގަނޑުމެންގެ ޤައުމުން ބައެއް ޖެހޭނީ ވިއްކާލަން." އަލީ ހުސެއިން ވިދާޅުވިއެވެ.

އިތުރަށް އަލީ ހުސެއިން ވިދާޅުވީ ބޭރުގެ ގައްދާރުން އަރާ އަޅުގަނޑުމެންގެ ގައުމު ނުހިފާނެ ކަމަކަށް އަޅުގަނޑުމެން ބަލައިގެން ނުވާނެ ކަމަށާއި, ހަގީގަތުގަ 9 ސެޕްޓެމްބަރުގަ ލާ ވޯޓަކީ މިނިވަން ކަމާއި އަޅުވެތިކަމާ ދޭތެރޭ ގޮތް ނިއްމުމަށް ލާ ވޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަމަ

    އަލީ ހުސެއިން ނުބުނިކަން ރަގަޅެއްނު ގައުމުގެ މިނިވަންކަމަކީ ބޯ ނެން ބުރުމާ އެކޭ

  2. ފިޔަވަޅު

    އެ އޮކްސިޖަން ދަމައިގަނެ ރައްޔިތުން ނެވާހާސްކޮށްލުމުގަ ޤަސިމްގެ ދެކަނބަލުންގެ ވެސް ހިއްސާ ވަރަށް ބޮޑު .

    ޖޕ ސަރުކާރު ތެރޭގަ އޮވެގެން ހުރިހާ ހަޑިއެއް ހޭވީ .

  3. އަބްދޫ

    ގައުމުގެ މިނިވަންކަން ގެއްލުވާލުމުގެ އެންމެ ބޮޑުބައިވެރިޔަކީ ގާސިމް.

  4. 13 ވގ

    ކަލޭމެންގެ އޮކްސިޖަންއަކީ ނަހަމަގޮތުގަލިބޭ ފައިސާ