ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ މިހާރު އެމްޑީޕީގެ ހަރުގެއެއް ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރު އަލީ ހުސެއިން ސިފަ ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ހދ. ކުރިނބީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ތިން ބާރު ވަކިވެފައި އޮތް ނަމަވެސް، ވެރިކަން ކުރާ ފަރާތުން އުޅެނީ ސުޕްރީމް ކޯޓު އަދި ޖުޑިޝަރީ ވެސް ކޮންޓްރޯލްކޮށްގެން ކަމަށެވެ.

އެހެންވެ، ރައްޔިތުން އިންސާފު ހޯދަން ދާނެ ތަނަކާ މެދު ސުވާލު އުފެދޭ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން އެބުނީ ސްޕްރީމް ކޯޓަށް ބޭނުންވާ އިދާރީ މުވައްޒަފުންނެއް ނުލިބެއޭ. ސުޕްރީމް ކޯޓް އޮންނަނީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ދަށުގައި. ކޮންޓްރޯލް ކޮށްފައޭ. އެހެންވީމަ ތިން ބާރު އޮންނައިރު ހަގީގަތުގައި ވެރިކަންކުރާ ބާރު މި އޮންނަނީ ސުޕްރީމް ކޯޓްވެސް ކޮންޓްރޯލް ކޮށްގެން. އަދި މުޅި ޖުޑިޝަރީވެސް މި އުޅެނީ ކޮންޓްރޯލް ކޮށްގެން. ދެން ކިހިނެއްތޯ އަޅުގަނޑުމެން އިންސާފު ހޯދާނީ.." އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ މި ސަރުކާރުން އެންމެ ގަދަޔަށް ދެއްކި ވާހަކައަކީ ޖޭއެސްސީ އެކުލެވިފައި ވާގޮތް ބަދަލު ކުރާނެ ވާހަކަ ކަމަށާއި ނަމަވެސް މިހާރު އޮތްގޮތުން ނަމަ ޖުޑިޝަރީ މި އޮންނަނީ އެމްޑީޕީގެ ހަރުގެ ގޮތުގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޖޭއެސްސީއަކީ ކޯޓުން ކުރާ ކަންތައްތައް ކުރަނީ ރަނގަޅަށްތޯ ބަލައި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް އޫޅޭ ނަމަ، އެކަން ކުރަނީ ރަނގަޅަށްތޯ ބެލުމަށް އޮންނަ މިނިވަން މުސްތަގިއްލު ކޮމިޝަނެއް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުގައި އެ ކޮމިޝަންގެ ރައީސް އަކަށް ހުނަނަވަނީ ރައްޔިތުން މަޖިލީހުގެ ސިޔާސީ މެމްބަރެއް ކަމަށާއި މި ސަރުކާރު ނޫނީ ޖޭއެސްސީގެ ރައީސްއަކަށް ސިޔާސީ މީހަކު އައްޔަން ކުރި ސަރުކާރެއް އަދި މި ރާއްޖޭގައި ނާންނަ ކަމަށް މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.

މި ސަރުކާރުގައި ކޮރަޕްޝަން އޮތީ އިންތިހާ ދަރަޖައަށް ކަން ފާހަގަ ކުރައްވައި އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ބޮޑު އަގުގައި ޕްރޮޖެކްޓްތައް ހިންގާ ކަމަށާއި ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެންނާ މި ގައުމު ދަރަނި ކުރުވައިގެންނާ މި ގައުމުގައި ހުރި ހަރުމުދާ ރަހުނު ކޮށްގެން ހަގީގަތުގަ ހުރިހާ ޕްރޮޖެކްޓެއް ހިންގަނީ ރައްޔިތުން ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

"ހަމަ އެގޮތައް މި މީހުން ކުރާކަމެއް އޮވޭ.. އޮތިއްޔާ އޮތް ޕްރޮޖެކްޓެއްގަ ސޮއި ކުރުން. ހުރިހާ ޕްރޮޖެކްޓެއްގައި ސޮއިކޮށްފައި ބަޔަކާ ހަވާލުކުރީމަ އިންނާނެ ތަންކޮޅެއް ކޮނެލާނެ. އަނެއްތާކު ވަޅުގަނޑެއް ކޮނެލާނެ.. ހުރިހާ މަގެއް އޮންނަނީ ވެލައެއް ބިސްއަޅަން ހާވާހެން ހާވާ ނިންމާފައި. އެ ދެން މަގު ހަދަނީ.. ތިން އަހަރު، ހަތަރު އަހަރު ފަސް އަހަރު ވެގެންދާއިރު ހަމަ މަގު ހަދަނީ.. އަންނަނީ އަންނަނީ..." އަލީ ހުސެއިން ވިދާޅުވިއެވެ.

އޭގެ އިތުރުން ކެންދޫ ދާއިރާގެ ހަ ރަށް އޮތްއިރު އެންމެ ރަށެއްގައި ވެސް ފެނާއި ނަރުދަމާ އަޅާ ނުނިމޭ ކަމަށާއި ސަރުކާރުން މި ދައްކަވަނީ ރާއްޖޭގަ ހުރިހާ ރަށެއްގަ ނަރުދަމާ އަޅާނެ ވާހަކަ ކަމަށާއި އެހެން ނަމަވެސް އެކަންވެސް ރައްޔިތުންނަށް ފުއްދާދެވިފަ ނެތްކަން އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.

އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލަމުން ދެވޭނީ ވަކި ވަރަކަށް ކަމަށާއި މިއަދު މި އޮތީ ރައްޔިތުންގެ ދުވަސް ޖެހިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮންރަހާ

    އެކަމައް ހިއްވަރުދީގެން ތިޔަ ހުރިހާމީހުން ބައިވެރިވެގެން މިހުރިހާދުވަހު އެކީއުޅުނީ މިހާރު ވޯޓު ހޯދަންވީމަ ކިޔާލަވަ ތަފާތު ރާގު އެކައްޗެއް

  2. Anonymous

    ސިޔާސީ މީހުން މޮޑޭ ބޮޑު ފުއްގަޑެއް އެއީ !

  3. Anonymous

    އެތަން ޖަގަހައަކަށް ނުވެ އޮތީ ކޮންއިރަކުތޯ އެއީ އަބަދުވެސް ސިޔާސީ މީހުންގެ ބޮޑު ޖަގަހަ !

  4. Anonymous

    ޖޭއެސްސީ އަކީ ސިޔާސީ މީހުންގެ ބޮޑު ސޭލް މާރުކޭޓް ބޮޑުކޮށް މޮޑޭ ފުއްގަޑު !