މާލެ އިން އުތުރުގެ ރަށެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ރަހީނުކުރި މައްސަލާގައި ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ކޯޓުން ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މިއަދު ވިދާޅުވީ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދެ މީހަކާއި 31 އަހަރުގެ މީހެއް ކަމަށެވެ.

ފިރިހެން ކުއްޖަކު ރަހީނު ކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެކުއްޖާ ފެނުނީ އަތާއި ފައި ބަނދެފައި އަނގަ މަތީގައި ޓޭޕް އަޅާފައި އޮއްވާ ކަމަށް ވެއެވެ.

މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީވެ އިތުރު މައުލޫމާތެއް ފުލުހުންނެއް ނުދެއެވެ.

ކުއްޖަކު ރަހީނުކުރި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ޖެންޑާ މިނިސްޓްރީގެ ޓީމެއް ވެސް ހާދިސާ ހިނގި ރަށަށް ގޮސްފައި ވެއެވެ.

މިދިޔަ ޖޫން މަހު މާލޭގައި ވެސް 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް އަނިޔާ ކުރުމަށް ފަހު މަރާލާފައި ވެއެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނީ މަރާލުމަށްފަހު ފޮއްޓަކަށް ލާފައި ހުޅުމާލެ އާއި ދިމާލުން މޫދަށް އެއްލާލާފައި އޮއްވައެވެ. އެމައްސަލައިގައި ހިމެނޭ މީހަކާއި ކުޑަ ކުއްޖެއްގެ މައްޗަށް މިހާރު ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ.