ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ޚިޔާލުތަފާތުވުންތައް ހައްލު ކުރުމުގެ ގޮތުން ދެ ލީޑަރުންނާ ވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް ސޯލިހްއާއި އެމްޑީޕީގެ ރައީސް އަދި އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ކުރެއްވި ނަޝީދުއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ދެ ބޭފުޅުން ވެސް މިހާރު އެއްބަސްވެވަޑައިގެންފައިވެއެވެ.

ރައީސް ސޯލިހާއި ނަޝީދުއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ހައްލު ކުރަން އެ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ލަތީފް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ހަސަން ލަތީފް ވިދާޅުވި، އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން ރައީސް ސޯލިހްއާ ބައްދަލު ކުރައްވާފައިވާ ކަމަށާއި ނަޝީދާއެކު ވެސް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލު ކުރައްވައިފިން، ޕާޓީގެ ރައީސް އިނގިރޭސިވިލާތުގައި ހުންނެވުމުން ބައްދަލެއް ނުކުރެވޭ، އެކަމަކު ޕާޓީގެ ރައީސްއާ ވެސް ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަތައް ޚިއްސާ ކުރައްވާފައި އޮންނާނެ." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ދެކެވަޑައިގަންނަވާ ގޮތުގައި ދެ ލީޑަރުން ވެސް އެއްބަސްނުވެވޭ ވަރުގެ ބޮޑު ޚިޔާލު ތަފާތުވުންތަކެއް ނޯންނާނެއެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިގެން އެ ކަންކަމަށް ހައްލު ލިބޭނެއެވެ.

"ދެ ބޭފުޅުންނާ ވެސް އަޅުގަނޑަށް ބައްދަލު ކުރެއްވުނު ކަމުގައި ދެކެން، އެ މަސައްކަތަށް ހައްލުތަކެއް ލިބިގެންދާނެ. މި ޕާޓީ ގަބޫލު ކުރާނެ ކަމެއް ނޫން ރައީސްއާއި ނަޝީދުއާއި ދެމެދު ވާހަކަ ނުދެއްކޭނެ ވަރުގެ އެއްބަސްނުވެވޭ ވަރުގެ ޚިޔާލު ތަފާތުވުންތަކެއް ހުރެދާނެ ކަމަކަށް." ހަސަން ލަތީފް ވިދާޅުވިއެވެ.

ދެ ރައީސުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ބޮޑުވަމުންދާއިރު، ދެ ރައީސުންގެ އަމާޒަކީ ވެސް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަމުގައި ބެލެވެއެވެ.

މީގެ އިތުރުން، ނަޝީދުގެ އަމާޒު ހުންނެވީ 2023 ގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަށެވެ. އެ ކަމަށް ޓަކައި ޕެޓިޝަނެއްގެ ސޮއި ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. އެ އަހަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނަޝީދު ވަނީ ގޮވާލައްވައިފައެވެ.

އެކަމަކު އޭގައި ރައީސް ބައިވެރިވަޑައިނުގަންނަވައެވެ. ރައީސް ހަމައެކަނި ވިދާޅުވާ ވާހަކައަކީ ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. އަދި އެމަނިކުފާނުގެ ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    ނަޝީދަކީ މަޝްވަރާ ކުރެވޭ ވަރު މީހެއް ނޫން ލާދީނީ ހުދުމުހުތާރު މީހެއް

    14
    4
  2. ޜަނާ

    ޢިސްތިއުފާ ދިން ދުވަހުވެސްް ޕާޓީގެ މިނިސްޓަ ރުންގެ މަޝްވަ ރާ ގަބޫލު ނުކު ރި މީހެއް ތިޔައީ . އަދި މިހާ ރި ގަބޫލު ކު ރާނެތަ.

    8
    2
  3. Anonymous

    ހަސަން ލަތީފާ ނުނެހޭތި އެއްވެސް ބޭފުޅެއް އޭނާ އެއީ ދެރައީސުންނައް ވުރެ މަތީ ބޭފުޅެއް.

  4. ބިންގޯ

    ނަސީދު ބޭނުން ގޮތައް ހުރިހާކަމެއް ދީލާލާ އޭރުން ގަބޫލު ކުރާނެ. ނަސީދު އަށްލަފާދޭ އެންމެއިސް މީހަކީ ބޮންޑޭ. ހެހެހެހެހެހެ.
    ބޮންޑޭ އަކީ މިހާރު ބަރުލަމާނީ ޕްރޮފެސަރެއް. ރައްޔިތުންނަށް ބަރުލަމާނީ ދަސްކޮއްދޭން އެމް.ޑީ.ޕީ ނެރެފަހުރި ބަރުލަމާނީ ނިޒާމުގެ މާހިރެއް.

  5. ސައްލި

    ހިޔާލެއް ތަފާތު ނުވޭ ގޮންޑީގައި ސޭލް އަޅުވާ ނީލަން ކިޔަނީ ނުންތޯ ؟

  6. ރައްޔިތުމީހާ

    ތީ މި ގައުމަށް ދެން ކޮންބައެއް! ތިޔަ ބައިގަނޑު މަޝްވަރާކޮށްކޮށް ތިބެ ބަލަ ލާދީނިއްޔަތު ފަތުރާ އެކަން ފުޅާ ކުރަން ބޭރު ކަރަކަރައިގައި، މާގިނަ ލާރި ދޭނެ ، މިގައުމަށް ކޮންނުފޮރުއްޕާނެއްތަ މީދެން> 2023 ގައި އޮޔާދާން ރެޑިވޭ