ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީ ހިތަދޫ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ސަރުކާރުން ނެގި ގޯތިތައް މިއަދު ހަވާލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ
"ވަގުތު" އާ ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޒަރީރް ވިދާޅުވީ، ގޯތިތައް ދޫކުރުމަށް ނިންމާފައި ވަނީ ސާފްކުރެވިގެން ކަމަށްވާއިރު، ސާފްކޮށް މަގުތައް ހަދައިގެން އަދި ދޫކުރެވެން ފެށުނީ 30 ގޯތި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ގޯތިތައް ދޫކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަަމަށާއި، އަންނަ ޖުލައި މަސް ތެރޭގައި ހުރިހާ ގޯތިތަކެއް ދޫކޮށް ނިންމާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަރީރް ވިދާޅުވިއެވެ.
"އެ ހިސާބުގަނޑަކީ ވަރަށް ބޮޑަށް ޖަންގަލި ހެދިފައި ހުރި ހިސާބެއްވީމަ ވަރަށް ސާފްކޮށްގެން އަޅުގަނޑުމެން އެބޭފުޅަކަށް ދޭން ޖެހޭ ގޯއްޗެއް މި ދެނީ. އެކަން ފެށިގެން މިހާރު ކޮންޓިނިއުސްކޮށް އެކަންވެސް ކުރިއަަށްގެންދަމުން މި ދަނީ". ޒަރީރް ވިދާޅުވިއެވެ.
ޒަރީރް ވިދާޅުވީ، އީސީސީ ސަރަހައްދުން ސަރުކާރުން ނެގި ގޯތިތައް ލިބި އަދި ދައުލަތަށް ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތުތައް އެއްކުރުމަށް 2016 ވަނަ އަހަރު ކުރި އިއުލާނާއި، އަދި މި އަހަރު މެއި މަހު ކުރި އިއުލާނާއި ގުޅިގެން އެ މިނިސްޓްރީން ހުށަހަޅާފައި ވަނީ 370 ފަރާތަކުން ކަމަށެވެ.
ޒަރީރް ވިދާޅުވީ، އަދިވެސް އެ ހިސާބުން ގޯތިތައް ލިބި ދައުލަތަށް ނަގާފައިވާ އެ ގޯތިތަކުގެ މައުލޫމާތުތައް އެކި ސަބަބުތަކާއިހުރެ މިނިސްޓްރީއަށް ހުށަނާޅާ ހުރި ފަރާތްތަކަށް އެ ފުރުަސަތު އެބަ އޮތް ކަމަށާއި، ނަމަވެސް ފުރަތަމަ އިސްކަމެއް ދޭނީ، ފުރަތަަމަ ހުށަހެޅި 370 ފަރާތަކަށް ގޯތި ދޫކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންމި ދަނީ އިރާދަކުރެއްވިއްޔާ އަންނަ ޖުލައިމަހުގެ ނިޔަލަށް ތެރޭގައި ހުރިހާ ގޯތިތަކެއް ހަވާލުކޮށް ނިންމާލުން"ޒަރީރް ވިދާޅުވިއެވެ.
މި ގޯތިތައް ދޫކުރަނީ އީސީސީ ސަރަހައްދާއި މާ ދުރަކުން ނޫނެވެ. މިހާރު ގޯތިތައް ދޫކުރަނީ ނިމިފައި ހުރި ފްލެޓްތަކުގެ ކުރިމައްޗަށް ވާކަހަލަ ގޮތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ދޭން ނިންމާފައި ވަނީ 3000 އަކަފޫޓުގެ ބިމެކެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި އެސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ދައުލަތަށް ނަގާފައިވަނީ 2011 ވަނަ އަހަރުގެ ސާކް ސަމިޓް ބާއްވަން އީސީސީ އިމާރާތްކުރުމުގެ ގޮތުންނެވެ. އެގޯތިތައް ނަގާފައިވަނީ ބަދަލުދޭ ގޮތަށެވެ. އެހެންނަމަވެސް ބަދަލު ނުލިބި ބައެއް ފަރާތްތަކުން އެ މައްސަލަ ކޯޓަށްވެސް ހުށަހެޅިއެވެ.
މިވަރުންވެސް މިބައިގަނޑު އުޅޭނީ ރައީސް ނަށީދު ރައީސް ނަށީދުއޭ ކިޔައިގެން އެކަލޭގެ ފަހަތުގައި.