ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ކުރީގެ ބައެއް ފަނޑިޔާރުން ތިބެގެން ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެއީ ސިޔާސީ މަސައްކަތެއް ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީންގެ އަޑު އިވެގެންދާ އޯޑިއޯތަކެއް ލީކުވެފައިވަނިކޮށް، ބައެއް ގާނޫނީ ވަކީލުންނާއެކު ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބްއާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ފަނޑިޔާރުން ދެއްކެވި ވާހަކަތަކާ ގުޅިގެން، ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ލިޔެފައިވަނީ އެ ވާހަކަތަކަކީ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް މިހާރު އޮތް ޝަރުއީ ބާރުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

"މި ޕާޓީން ދެކޭ ގޮތުގައި މިއީ ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލުވާލުމަށާއި، އަދުލު އިންސާފު ގާއިމް ކުރުމަށް ކުރެވޭ މަސައްކަތާ މެދު ޝައްކު އުފެއްދުމަށާއި، އިންސާފުވެރިކޮށް ބޭއްވޭ ޝަރީއަތަކަށް ހުރަސް އެޅުމަށާއި، އަދި ފަނޑިޔާރުންނަށާއި ފަނޑިޔާރުންގެ ނުފޫޒު ފޯރުވުމަށް ކުރެވޭ ސިޔާސީ މަސައްކަތެއް ކަމުގައެވެ." ޖޭޕީގެ ބަޔާނުގައިވެއެވެ.

ޖޭޕީން ފާހަގަ ކުރި ގޮތުގައި ފަނޑިޔާރުންނާއި ވަކީލުންނަކީ އިސްލާމް ދީނަށާއި ރާއްޖޭގެ ގާނޫނު އަސާސީއާއި އޭގެ ދަށުން ހެދިފައިވާ ގާނޫނުތަކަށް ފުރިހަމައަށް އިހްތިރާމް ކުރާ، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ހައްގު ބަސް ބުނަން ޖެހޭ ބަޔަކަށް ވީ ހިނދު، ސިޔާސީ އެންމެ ބޭފުޅެއްގެ ވަކި މައްސަލައަކާ ގުޅިގެން އެފަދަ ވާހަކަތައް ދެއްކުން ބަލައިނުގަނެވޭ ކަމަށެވެ.

އޯޑިއޯތައް ލީކުވުމާ ގުޅިގެން ޖޭއެސްސީން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. ތިން ގާޒީން ވެސް އެއީ އަސްލު ނެތް އޯޑިއޯތަކެއް ކަމަށް ވިދާޅުވާއިރު، ތިން ގާޒީންގެ އަޑުގެ ސާމްޕަލް ނަަގައި އެ ތަހުލީލު ކުރަން ފުލުހުންނަށް ވަނީ ފޮނުވައިފައެވެ. ތަހުލީލުކޮށް ނިންމާފައި ފުލުހުން ފޮނުވާ ރިޕޯޓް މި ހަފުތާ ތެރޭގައި ލިބޭނެ ކަމަށް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

މި މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށް، ހައިލަމް ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ޖޭއެސްސީން އެ ކަމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް ކަނޑައަޅައި ތަޅުމަށް ފޮނުވިއެވެ. ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ހައިލަމް މަގާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ދެން އެ މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ދަށު ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ. ޔާމީންގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެމަނިކުފާނުގެ ޝަރީއަތް ހިނގާފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮވިޑް

    ޖޭޕީ އިން ކުރީގެ ސަރުކާރޭ ކުރީގެ ރައީސޭ ކިޔަނީ ޤައުމު ފިތުނަ ފަސާދަ ކުރުވަން ދޯ؟ ހަމަ ލަދެއްގެ ކަން ފުޅެއްވެސް ނެތިއްޔޭ ދޯ؟

    33
    1
  2. ޓ

    ގާސިމް އެއީ އެންމެ ގިނައިން ފަނޑިޔާރުންނަށް ރިސްވަތު ދޭ އެކަކު...ނުވެސް ބެހޭކަމެއްގެ ތެރެއަށް ބޯ މަހާލީ

    50
    2
  3. ރަތްގަލަން

    ތިވާހަކަދައްކަން އެންމެ ތާހިރީ ޖޭޕީ.😜 ތިޔައީ މި ޤައުމުގެ ހަލާކަށް މަސައްކަތްކުރާ ޕާޓީއެއް. އަބަދުވެސް ހިހޫތަނުން ކާބައެއް ތިޕާޓީއާ ގުޅޭނީވެސް. ތިއީ ދަހިވެތިކަމުގެ ލާމަސީލު ބައެއް. ކިތަންމެ ވަރަކަށް ރިޝްވަތު ބެހިޔަސް ތިޕާޓީގެ ލީޑަރަކަށް މިޤައުމުގެ ވެރިކަމަށް އަންނާކަށް ލާހިކެއްނޫން. އިންޝާ ﷲ

    37
    1
  4. މަކިޓާ ބިޓް

    ރާއްޖޭގެ ފަޅުރައްތަކާ ބިންތައް އަންބޮނޑިއައްލާ ސިޔާސީ ކުޅިވަރުކުޅެން އެތައް. ޢަހަރެއްވަންދެން ޖޭއެސްސީގަ ގޮނޑި ހޫނުކުރަން ތިޖަމާއަތުގެ ވެރިޔާއުޅުނުހަނދާންނެތުނީތަ އެތަނުންބޭރުކުރި ކަންދިވެހި ރައްޔިތުންނައްއެގޭ މިފަހަރު ވޯޓުން ފެއްނާނެ ސައިޒް ތިނެރޭބަޔާންތަކުގެ

    34
  5. މާމީ

    ގާސިމާ ތިބޭފުޅާ ރީއްޗެއް ނޫނޭ ތިވާހަކަދައްކަން އެންމެ ގިނައިން ފަނޑިޔާރުނައް ރިޝްވަތުދީގެން އަމުރުތައް ނެރުނު ކަމައް އަމިއްލައައް އެއްބަސްވި ބޭފުޅާ

    37
  6. ކުޑަބެ

    މިހާރު ގާސިމާ ބައިމީހުން ދޭންޖެހޭ ޓެކްސް ފައިސާ ނުދެއްކިއަސް އޯކޭވާނެ ނިކަމެތި ރައްޔިތުން ކިތަންމެ ވަރަކަށް ފެލިއަސް ރަނގަޅުވާނެ އެގޮތުން ފަޑިޔާރުން ދެއްކި ވާހަކައިގައި ދޮގެއްނެތް އެއީ މިހާރު ކަންކުރަމުން އަންނަގޮތް

    32
  7. ކަނބިލި

    ކަލޭގެ ލަދުކޮބާބާއޭ ހިތައްއަރާ ބަލަ ކަލޭގެ އަނގައިންނެއްނު
    ބުނީ އަހަރެމެން ޝަރުޢީދާއިރާއިން ޙުކުމެއްނެރުނީމަ ވެސް ކަމަކު ނުދިޔައޭ އެވަރުންވެސް ނޭންގެދޯ ކާކު ކޮންބައެއްކަމެއް ޝަރުޢީ ދާއިރާއައް ނުފޫޒުފޯރުވަނީ

    32
  8. ޖަމަލު

    ޖޭޕީ ނިދިންހޭލަ އިފި -

  9. ރާއްޖެތެރެ

    ޖޭޕީ އަކީ ވިފާރި ކުންފުންޏެ

    10
  10. ރައީސްޔާމީން ރަހީނުކޮށްފައި ކެތްތެރީނާއެކު ﷲ ވޮޑިގެންވެއެވެ.

    ރައީސްޔާމީން ހުރަގޭގައި ބަހައްޓައިގެން ދުވަހަކުވެސް މައުމޫނާއި ގާސިމަށް ލިބޭނެކުރިއެރުމެއް ނޯންނާނެ ދެދުނިޔޭވެސް ރައީސްޔާމީންއަށް ނަސްރާއި ކާމިޔާބު މިންވަރުކޮށްދެއްވާށި އާމީން

    12
  11. އިސްޢާފް ސަލީމް

    ހާދަ ރުފިޔާއެއް ރައްޔިތުންގެ އެކައުންޓުން ދީފައޭ ޤާސިމު އެހުރީ ސަރުކާރުން ކުރާ ނުލަފާކަންކަން ނުބަލައި ލޯމަރައިގެންހުންނަމަތިން!