ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ހެކިބަސް ދޭން ދެކޮޅު ހެދި މީހަކު ބަންދުކޮށްގެން ގެންނަން ޖެހޭ ހާލަތެއްގައި އެ ގޮތަށް ހާޒިރުކުރަން ނިންމަވައިފިއެވެ.

ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭން ކުރި ކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލައިގައެވެ.

މިއަދުގެ ޝަރީއަތުގައި ކުރިއަށް ގެންދިޔައީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނާއި ދިފާއުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މި ގޮތުން ދައުލަތުން ހުށަހެޅި އިސްލާމިކް މިނިސްޓްރީގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ ސައިފުﷲ އަހްމަދު ރަޝީދުގެ ހެކި ބަހާއި، މައުލޫމާތު ފުރިހަމަ ނޫން ކަމަށް ބުނާ އެއްބަސްވުމުގައިވާ ޒިޔާދުގެ ސޮއި ތަހުލީކުރި ފުލުސް އޮފިސަރު މުހައްމަދު ސައީދުގެ ހެކިބަސް ނެގިއެވެ.

އެހެންވިޔަސް ދައުލަތުން ހުށަހަޅާފައިވާ ހެއްކެއް ކަމުގައިވާ އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރަމުންދާ އަހްމަދު އަކްމަލް ވަނީ ހެކި ބަސް ދިނުމަށް ދެކޮޅު ހަދައިފައެވެ. އަދި އެ ކަން އަންގައި ކްރިމިނަލް ކޯޓަށް އޭނާ ސިޓީއެއް ވެސް ފޮނުވިއެވެ.

ދައުލަތުގެ ވަކީލުން އެދިވަޑައިގަތީ އޭނާ ކޮންމެ ގޮތަކަށް ވިޔަސް ހާޒިރުކޮށްގެން ހެކި ބަސް ނެގުމަށެވެ. އެއީ މި މައްސަލާގައި ވަރަށް މުހިއްމު ހެއްކެއްގެ ގޮތުގައި ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ. މި ގޮތުން އޭސީސީއަށް އޭނާ ދީފައިވާ ބަޔާނުގައި ވެސް މައްސަލައާ ގުޅުން ހުރި މުހިއްމު ވާޙަކަތަކެއް ވަރަށް ތަފްސީލްކޮށް ދީފައިވާ ކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން ދިފާއީ ހެކި ބަސް ނަގަން ޖެހެނީ ދައުލަތުގެ ހެކި ބަސް ނަގައި ނިމުމުން ކަން ވެސް ފާހަގަ ކުރައްވައި ދައުލަތުން ދެން އެދިވަޑައިގަތީ އަކްމަލް ހާޒިރުކޮށް ހެކިބަސް ނެގުމަށް ފަހު ދިފާއުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުމަށެވެ.

މި ކަމަށް އިއުތިރާޒް ކުރައްވަމުން ދިފާއީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ "ގަދަކަމުން" ހެކިވެރިޔާ ކޯޓަށް ހާޒިރުކޮށްގެން ނެގޭ ހެކި ބަހަކީ ފުރިހަމަ މިނިވަންކަން މަތީ ނެގޭ ހެކި ބަހަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ދިފާއީ ހެކިން ކޯޓަށް ހާޒިރުވެ އެތައް އިރެއް ހޭދަވުމުން، ދިފާއީ ވަކީލު އެދިވަޑައިގަތީ ދިފާއީ ހެކި ބަސް ނެގުމަށް ފަހު ވެސް އަކްމަލްގެ ހެކި ބަހާ މެދު ގޮތެއް ނިންމުމަށެވެ.

އަކްމަލްއަކީ ދިފާއުގެ ފަރާތުން ވެސް ހުށަހަޅާފައިވާ ހެއްކެކެވެ.

ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ މިސްބާހް މުހައްމަދު ވިދާޅުވީ ކޮންމެހެން ހާޒިރުކޮށްގެން ހެކި ބަހެއް ނަގަން ޖެހޭ ކަމަށް ދައުލަތުން ނޫނީ ދިފާއުން ވެސް އެދިއްޖެ ހާލަތެއްގައި ބަންދުކޮށްގެން ވެސް ހާޒިރު ކުރެވޭ ގޮތަށް އުސޫލެއް މިހާރު ހެދިފައިވާ ކަމަށެވެ. އަދި އަކްމަލަކީ ކޮންމެހެން ވެސް ހާޒިރު ކުރަން ޖެހޭ ހެއްކެއް ކަމަށް ދައުލަތުން ފާހަގަ ކުރައްވާތީ އެ އުސޫލުގެ ތެރެއިން ހާޒިރު ކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުމަށް ފަހު ދިފާއުގެ ހެކިންގެ ހެކި ބަސް ނަގަން އޮންނާތީ، ދިފާއުގެ ފަރާތުން ހާޒިރުވި ހެކިންގެ ހެކި ބަސް އޭގެ ފަހުން ނެގުމަށް ވެސް މައްސަލަ ބައްލަވާ ގާޒީ ނިންމެވިއެވެ.

ގާޒީގެ އެ ނިންމެވުމާ މެދު ފަހުން ވެސް ދިފާއީ ވަކީލު ކަންބޮޑުވުން ފާޅު ކުރައްވާފައި ވިދާޅުވީ ވީ އެންމެ އަވަހަކަށް މައްސަލަ ބަލައި ނިމޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

އޭސީސީން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ވަނީ، ޒިކުރާ މިސްކަތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެލުމަށް އެސް ޖޭ ކޮސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލް ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތް ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރީ އެ އޮންނަ އުސޫލުގެ ބޭރުން ކަމަށާއި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާންދޮގޭ

    ހެކިބަސް ނުދީ ނުހުރެވޭނެކަން ދަންނާތި މިހާރު ބާރުއޮތީ އަހަރެމެންގެ އެކޮޅުކޮޅުން އެލުވަގެން ގެންނަން އެދުނަސް އެގޮތައްގެނެސްގެންވެސް ހެކިބަސްނަގާނަން

  2. ޚަދީޖާ

    ގަދަކަމުން މަޖުބޫރުކޮށްގެން މީހުންގެ ހެކިބަސް ހޯދުމަކީ އިސްލާމީ ޝަރީޢަތް ހުއްދަކުރާ ކަމެއްބާ؟

  3. ސޫދު

    ބަންދުކޮށްގެން ހެކިބަސް ދޭންތިބޭ މީހުން ގެނެސް އެކަންކުރުން، އިޖުރާތުން ބަނދުކޮށްފައި އޮތްވާ މީ ކޮންސަކަރާތެއް.