ހައްޖާއި، ޒަކާތާއި ބެހޭ ބިލެއް މަޖީލިހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުންދާ އިސްލާމިކް މިނިސްޓްރީން ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިރު ވިދާޅުވީ އެ ދެ ބިލުގެ އިތުރުން ވަގުފްއާ ގުޅޭ ބިލެއްވެސް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

މި އަހަރު ނިމުމުގެ ކުރިން އެ ބިލްތައް މަޖިލީހަށް ހުށަހެެޅިގެންދާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހައްޖުގެ ގާނޫނެއް ވުޖޫދުވެގެން ދިޔުމުން ހައްޖުގެ ކަންކަން އިތުރަށް މޮނީޓާ ކުރުމަށާއި ހައްޖަށް ގެންދާ މީހުންގެ އަދަދުތައް ކަނޑައެޅުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޒަކާތުގެ ގާނޫނެއް ފާސްކުރެވުމުން އެންމެ ފަސޭހަވެގެންދާނީ ޒަކާތުގެ ދަފްތަރު އެކުލަވާލާނެ ގޮތާއި ޒަކާތް ބަހާނެ ގޮތަށެވެ. އެ ބިލުގައި ޒަކާތް ބަހާނެ އޮފީހެއް އުފައްދަން ކަނޑައެޅިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.