މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ އަންނަ ޖެނުއަރީން ފެށިގެން ކުރިން ހުރި ވަރަށް ބޮޑުކޮށް ދިނުމަށް އައިލެންޑް އޭވިއޭޝަން އިން ޔަގީންކަން ދީފައިވާ ކަމަށް ބައެއް ޕައިލެޓުން ބުނެފިއެވެ.

"ވަގުތު" އާ ވާހަކަ ދެއްކި ބައެއް ޕައިލެޓުން މިއަދު ބުނީ އައިލެންޑެ އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު މިހާދު ރޭ ވަނީ ޕައިލެޓުންނާ ބައްދަލު ކުރައްވައި އަންނަ މަހުން ފެށިގެން މުސާރަ 80 އިންސައްތަ އަށް ބޮޑުކޮށްދޭން އެއްބަސްވެފައެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން ކޮވިޑް-19 ގެ ކުރިން ދެމުން އަންނަ މުސާރަ އަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ޕައިލެޓުން ބުންޏެވެ.

މުސާރަ ބޮޑުކޮށްދޭނެ ކަމުގެ ޔަގީން ކަން ދީފައި ވަނީ، މިއަދު ޕައިލެޓުން މަސައްކަތް ހުއްޓާލަން ނިންމާފައި ވަނިކޮށެވެ. އެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމަށް ޕައިލެޓުންތަކެއް ވަނީ ރައީސް އޮފީހުގައި އެމަނިކުފާނާ ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ޕައިލެޓަކު ވަނީ ރައީސްގެ ފަރާތުން އުންމީދީ ޖަވާބުތަކެއް ލިބިފައިވާ ކަން ފާހަގަ ކުރައްވައިފައެވެ.

"ވަރަށް އުންމީދީ ޖަވާބުތަކެއް ދިނީ. ޕައިލެޓުންގެ ޝަކުވާތައް ވަރަށް ރަނގަޅަށް އަޑު އެއްސެވި. އަދި ވީހާވެސް އަވަހަކަށް ޝަކުވާތަކަށް ނިމުމެއް ގެނައުމަށް މަސައްކަތްކޮށް ދޭނެ ކަމުގެ ޔަގީން ވެސް ރައީސް ދެއްވި. މިއީ އުފާވެރި ހަބަރެއް ލިބުނު،" ޕައިލެޓަކު ކިޔަައި ދިނެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަތައް 40 އިންސައްތަ އަށް ކުޑަ ކުރިއެވެ.

މުސާރައިގެ މައްސަލައިގައި ޑޭޝް ބޯޓުތަކުގެ ޕައިލެޓުންގެ އިތުރުން ސީ ޕްލޭން ޕައިލެޓުންގެ މެދުގައި ވެސް ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބައޮތެވެ. މި މައްސަލަގަނޑުގެ ތެރެއިން ސީޕްލޭންގައި މަސައްކަތް ކުރާ ހަތް ޕައިލެޓުން މިދިޔަ ހަފްތާގައި އިސްތިއުފާ ދީފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިބެ

    ހަމަމުސާރަ ހޯދަން ދެން މަސައްކަތް ކުރަންވި އިންޖިނޭރުން. އިންޖިނޭރުންގެ މުސާރަވެސް ވަނީ ކުޑަކޮށްފަ. އިޔާދަކޮށްދޭންޖެހޭ.

    17
    3
  2. ހުސޭނުބޭ

    ކުރިން ހުރިވަރަށް މުސާރަ އިއާދަކުރާނީ. އެއަށްވުރެ މައްޗަށް ދަނީނަމަ އެ ބޮޑުކުރަނީ!

    2
    1
  3. Anonymous

    އެމްއޭސީއެލްގެ މުވައްޒަފުން ގެވެސް އެލަވަންސް ހަމައަށް ދޭންވީ
    އިންޑިޔާގެ މީހުން އެތަނުގައި ވެސް ވެރިންނަށް ނުލާ ދިވެއްސަކަށް އެޑޮލަރުކޮޅުވެސް ދިނިއްޔާ ވަނީ ކީއްތޯ. އިންޑިޔާގެ މައިދޮރުއަށީގެ އިސްމަޤާމު ތަކެއް ދިވެއްސަކަށް ނުދޭނެ.
    އަޅުވެތި ވިޔަސް ބޮޑުވަރު

    3
    1
  4. ޣާގިސާ

    ޕައިލެޓު ކުދިން އަބަދުވެސް މިކަހަލަ ގޭމު ކުޅޭނެ.

    2
    1
  5. ަަަައަލީ

    ޕައިލެޓުންގެ މުސާރަ ބޮޑުކުރަން އެއްބަސްވީ ސަރުކާރު ބިރުގަތީމަ ...މި ގޮތަށް މުސާރަ ބޮޑު ކުރަން ބޭނުމިޔަ ސިވިލް ސާވިސް މުއައްޒަފުން ވެސް ނިކުންނަވީ..އެހެން ނޫނި ނުވާނެ ބޮޑުުޔެ...