ފުލުހުން ތަހްގީގު ކުރަމުން ގެންދާ މައްސަލަ އަކާއި ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ވިދާޅުވެފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / ގ. ހިޔަރޯދި، އިބްރާހިމް ޝިމްޢާން ސަލީމް (24އ) ކަމަށެވެ. އިބްރާހިމް ޝިމްޢާން ސަލީމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9660126 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފާއިތުވި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ "ހިދުމަތް" ދެމުން އަންނަ 20 ތަނެއް ވަނީ ބަންދުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޑްރަގް ކެފޭ ހިންގާ ދެ ތަނެއް އަދި ބަންދެއް ނުކުރެވެ އެވެ. އޭގެ އިތުރުން ކެފޭ ހިންގާ އުސޫލުން ގޮނޑި އާއި މޭޒު ޖަހައިގެން ޑްރަގްސް ވިއްކައި، އެ ފަދަ ތަކެތި ބޭނުންކުރާ 11 ސަރަހައްދެއް ހިމެނެ އެވެ. ފުލުހުންނަށް މިހާތަނަށް ވަނީ ޑްރަގް ކެފޭގެ ގޮތުގައި ހިންގާ 47 ތަނެއް ފާހަގަކުރެވިފަ އެވެ.