އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

ހައި ކޯޓުން އެގޮތަށް ހުކުމް ކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި އަމީންގެ މައްޗަށް ދައުވާކޮށްފައި ނުވާތީއެވެ.

އަމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، ހައިކޯޓުން އަމީން ދޫކޮށްލަން ކުރި ހުކުމާއި ހިތްހަމަ ނުޖެހޭތީ އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެއީ ހައިކޯޓުގެ ނިންމެވުމުގައި ނިރުބަވެރިކަން މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީ، ނިރުބަވެރިކަން މަނާކުރުމުގެ ޤާނޫނުގެ 1-28 ގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައިނުވާތީ ކަމަށް ޝަފީއު ވިދާޅުވިއެވެ.

އަދި އެ ނިންމުމުގެ ސަބަބުން ނިރުބަވެރިކަމުގެ ކުށްތައް ތަހުގީގުކުރުމުގެ ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކެއް ގާނުނުގައި ކަނޑައެޅުމުގެ މަގްސަދު ގެއްލިދާތީ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.