ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ފާޑުވިދާޅުވެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިތުރު ޓްވީޓެއް ކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާތަކެއް އުފުލިފައިވަނިކޮށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެއީ ބޭސްފަރުވާއަށް ކޯޓުން ދިން ހުއްދައެކެވެ.

ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނީ ހަތަރު މަސް ދުވަހުގެ އެއްބަސްވުމަކަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. އެކަމަކު އެ މުއްދަތު ފަހުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމީ އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގެން ގެންދިއުމަށެވެ.

އެހެންވިޔަސް އެ ކަމަށް ދައުލަތުން އިއުތިރާޒްކޮށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި މައްސަލަ ގެންދިޔަ ފަހުން، ސުޕްރީމް ކޯޓުން އަލީ ވަހީދު ހާޒިރުވާން ނެރުނު އަމުރަށް އަލީ ވަހީދު އަމަލުނުކޮށްގެން 12 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

އޭގެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވަން އަލީ ވަހީދު ޓްވިޓާ މެދުވެރިކޮށް ދައުވަތެއް އަރުވާފައިވަނިކޮށް އިނގިރޭސި ފުލުހުން ގޮސް ވިސާ މައްސަލައެއްގައި އަލީ ވަހީދު ހައްޔަރު ކުރިއެވެ. އެހެންވިޔަސް އޭގެ ދުވަސްތަކެއް ފަހުން އަލީ ގެންދަވަނީ ގިނަ ޓްވީޓްތަކެއް ކުރައްވަމުންނެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވާނުވާ" ޖެހުން ނިމުމަކަށް ގެންނާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެ ކަން ވެސް "ވާނުވާ" އަށް ދިޔައީ ކަމަށެވެ. ޕީޖީގެ އިހުމާލުން ހިނގާ ކޮންމެ ކަމެއް ވެސް ފަނޑިޔާރުންގެ "ބޮލަށް" ޖަހަމުންދާ ކަމަށް އަލީ ވަހީދު ލިޔުއްވާފައިވެއެވެ.

"ދައުލަތުގެ އިހުމާލުން ޗޮކުންދާ ކޮންމެކަމެއް ޕީޖީ ޝަމީމު އަޅުވަން މަސައްކަތް ކުރަނީ ފަނޑިޔާރުންގެ ބޮލުގައި. ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ސިޔާސީ މީހުން ޖޭއެސްސީން ބޭރުވީމަ" އަލީ ވަހީދު ލިޔުއްވާފައިވެއެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީގެ އެކުލެވުން ބަޔާން ކޮށްފައި އޮންނަ ގޮތުން އެ ކޮމިޝަންގައި ސިޔާސީ ބޭފުޅުން އަބަދުވެސް ތިއްބަވައެވެ. އެހެންވެ އެ ކޮމިޝަން މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާއަކީ ރައްޔިތުން އަބަދުވެސް ކުރާ ޝަކުވާއެކެވެ.

މިހާރު އެ ކޮމިޝަންގައި އޮތީ އެމްޑީޕީގެ މެޖޯރިޓީއެކެވެ. ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިންއެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަންގައި އިންނަވައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ އިންނަވާއިރު، ރައީސްގެ ކެބިނެޓްގައި އިންނަވާ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު ކުރިން ވެސް އޮތް އެކުލެވުމާއެކު، އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވައިގެން ޖޭއެސްސީ ހިންގަމުންދާތީ އާންމުންގެ ފާޑުކިއުން ޖޭއެސްސީއަށާއި މަޖިލީހަށާއި ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ. ޖޭއެސްސީ މެދުވެރިކޮށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އި ބޫ

    ދައުރު ނިމުމުގެ ކުރިން ޖިންސީ ގޯނާ ކުރި މީހުންނަށް ޙައްޤު އަދަބު ލިބިގެންދާނެ!

    1
    1
  2. Anonymous

    ވަރަށް ބޮޑު ތެދެއް ، މިގައުމުގަ، ރައީސް، އެއްހުއްޓަސް ބޮޑު ވަޒީރެއް އަޔަސް އެބޭފުޅެއްވެސް ނުވާނެ ސިޔާސީ ވެގެން.

  3. ރާއްޖެތެރެ

    ރަނގަޅު ވާހަކޭ ތިތަން އޮވާލަންވީ