ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" ގައި އުޅޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އުޅޭއިރު، އެ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި ކުދިން އުޅޭ ގޮތް ބަލަން ތިބުމަކީ އެ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފިއެވެ.

ފިޔަވަތީގައި ތިބޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އަޑުގަދަ ކުރާ މައްސަލަ މިފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. އަދި ފުރާޅުމައްޗާއި ދޮރު ފަދަ ތަންތަނުގައި ތަޅައި އަޑު ވެސް ބޭރަށް އިވެއެވެ. އެ މަންޒަރުތައް ބަލަން ގިނަ ބަޔަކު ފިޔަވަތި ކައިރިއަށް ޖަމާވެއެވެ. ކުޑަކުދިންތަކެއް ރޭ ވަނީ ފިޔަވަތީގައި އަލިފާން ވެސް ރޯކޮށްލައިފައެވެ. މިކަމާ ގުޅިގެން ރޭގައި ފުލުހުން އެ ސަރަހައްދުގެ ސެކިއުރިޓީ ވެސް ބެލެހެއްޓިއެވެ.

މި މައްސަލަގަނޑު ބޮޑުވެފައި ވަނިކޮށް ޖެންޑަ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ އަމަލު ހިންގި ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުންފެންނަ ކަންތަކާ ގުޅިގެން ޖެންޑަ މިނިސްޓްރީ އާއި ފެމެލީ އެންޑް ސޯޝަލް ސާވިސަސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި މިވަގުތު ވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމުރައްޔިތުން ކަންބޮޑުވުން އޮންނާނެކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެސަރަހައްދަށް އެއްވެ ކުދިން އުޅޭގޮތް ނުބެލުމަށާއި އެކަމުގެ ސަބަބުން ކުދިން އިތުރަށް ޓްރިގާ ވާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން، ހުރިހާފަރާތްތަކުން ވެސް ކެތްތެރިކަން އިސްކޮށް ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށާއި ޖެންޑަރ މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް އެދޭކަމަށް ވަނީ ބުނެފައެވެ.

ފިޔަވަތީގައި ރޭ ރޯކުރި އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ ނިއްވާލައިފައެވެ. އެކަން ސިފައިންގެ ފަޔާ އެންޑް ރެސްކިއު އަށް ރިޕޯޓް ކޮށްފައި ވާތީ، ފަޔާ ޓްރަކެއް ވަގުތުން އެތަނަށް ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔައުޤުބު

    ކުޑަވީމާ ފިޔަވަޅުނާޅާ ހަމަ ފިރުމަންވީތަ ، ހުރިހާ ނުލަފާކަމެއް ކުރީމާވެސް

    2
    1
  2. އަލީ

    ތިޖެންޑާ މިނިސްޓްރީއަކީ ވަބާއަކަށް ވެއްޖެއެވެ. މުޖުތަމައު ފަސާދަކުރުން ނޫންކަމެއް ނުކުރާ މިނިސްޓްރީއެކެވެ. ފިރިހެނަކު މައްސަލައެއް ހުށަހަޅައިފިނަމަ އޭނާއަށް ބިރުދައްކާ ތަނެކެވެ. އަންހެނަކު މައްސަލައެއް ހުށަހަޅައިފިނަމަ އޭނާ ބޭޒާރުކުރާ ތަނެކެވެ. ވަގުތުން އުވާލަންޖެހިފައިވާ ބޭކާރު ތަނެކެވެ.

  3. ބަބޫ

    ދުފާ އެއްޗިއްސޭ ނުކިޔާ. ތިޔަ އުޅެނީ ކަލޭމެނަށް ނުބެލެހެއްޓޭ ކަން މީހުނަށް ފެނިދާނެތީ އެކަމާ ކަންބޮޑުވެގެން. ޖެންޑާ އުވާލަންވީ. މިސަރުކާރު އެއިސް ތިޔަތަންވެސް ހަލާކު ކޮށްފި. ބާލިއުނުވާ ސަރުކާރު

  4. Anonymous

    ޓުރިގާއެއް ނޫން ބުރިގާ ވިޔަސް އެއީ ޒިންމާ ދާރު ނުވެ ފެއިލްވުން ނާގާބިލް މީހުންނާ ޒިންމާ ހަވާލުކުރެވުނޫ ކަން ދެންވެސް ގަބޫލުކޮށްބަ

  5. ޢަލީ

    ޓުރިގާއެއް ނޫން ބުރިގާ ވިޔަސް އެއީ ޒިންމާ ދާރު ނުވެ ފެއިލްވުން ނާގާބިލް މީހުންނާ ޒިންމާ ހަވާލުކުރެވުނޫ ކަން ދެންވެސް ގަބޫލުކޮށްބަ