ސްކޫލް ބަންދާއި ގުޅުވައިގެން ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ކުދިންނަށް ހާއްސަ ހަރަކާތެއް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާއްވައިފިއެވެ.

އެޗްޑީސީން ބުނީ ސުކޫލް ބަންދާއި ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށް ރައްކާތެރި މާހައުލެއްގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކާއި އެކު ހާއްސަ ހަރަކާތެއް މިއަދު ބާއްވާފައިވާ ކަމަށެވެ.

އެޗްޑީސީގެ ސީ.އެސް.އާރްގެ ދަށުން މިއަދު ކުރިއަށް ގެންދެވުނު ހަރަކާތް ފަރުކޮޅުފުށި ސަރަހައްދުގައި ކުރިއަށް ގެންދެވުނު އިރު، ފިޔަވަތީގެ 80 އަށް ވުރެ ގިނަ ކުދިން ބައިވެރިވި ކަމަށެވެ.

އެ ހަރަކާތުގައި ކުޅިވަރު ކުޅުމުގެ އިތުރުން މޫދު ކުޅިވަރުގެ އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ ކަމަށް އެޗްޑީސީއިން ބުނެ އެވެ. އޭގެ އިތުރުން އެކުދިންނަށް ހާއްސަ ކޮށްގެން ވަނީ ބާބަކިއު އެއްވެސް ބާއްވާފައެވެ.

އެޗްޑީސީއިން ބުނީ އެ ފަދަ އެކި އިވެންޓުތައް ފިޔަވަތީގެ ކުދިންނާއި އެކު ސިލްސިލާކޮށް ބޭއްވުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އެކި ހަރަކާތްތައް ފިޔަވަތީގެ ކުދިންނާއި ގުޅިގެން އަދި އެ ކުދިންނަށް އެހީވުމަށް އެޗްޑީސީގެ މެނޭޖްމަންޓުންނާއި މުވައްޒަފުންގެ އިސްނެގުމުގެ މަތިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެޗްޑީސީން ބުނީ، އެކޯޕަރޭޝަންގެ އަމާޒަކީ ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންކަމުގައި އިސްނަގައިގެން މުޖްތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.