ލޯތްބާއިއެކު ކޮއްކޮމެން ޕްރީސްކޫލާއި ފިޔަވަތި ކުދިން ކްރޮސްރޯޑަސްއަށް ޒިޔާރަތްކޮށްފިއެވެ.

ހުޅުމާލެ ފިޔަވަތި ކުދިންނާއި އެކު ކޮއްކޮމެން ޕްރީ ސްކޫލުން ކްރޮސްރޯޑަސްއަށް ކުރި މިދަތުރަކީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރި ދަތުރެކެވެ.

ކޮއްކޮމެން ޕްރީ ސްކޫލުން ހާމަކުރިގޮތުގައި، މި ދަތުރު ލަސްކޮށްފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ކްރޮސްރޯޑްސްއަށް ކުރި ދަތުރުގައި ޖުމްލަ 276 ފަރާތުން ބައިވެރިވެފައިވާއިރު ފިޔަވަތިގެ ފަރާތުން 144 ކުދިންނާއި ކޮއްކޮމެން ޕްރީ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ 132 ފަރާތުން ބައިވެރިވިއެވެ.

"މިދަތުރަކީ ކްރޮސްރޯޑްސްގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކު ކުރިއަށް ދިޔަ ދަތުރެއް. އަދި ޖަލްބޫޓް ކޮމްޕެނީ އާއި އެމްޓީސީސީގެ އެހީތެރިކަންވެސް މިދަތުރު ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު." ކަމަށް ކޮއްކޮމެން ޕްރީ ސްކޫލުގެ ޕްރިންސިޕަލް ޟާބިރާ އަހްމަދު ވިދާޅުވިއެވެ.

ޟާބިރާ ވިދާޅުވީ، މިދަތުރުގައި ތަފާތު ހަރަކާތްތަށް ހިންގާފައިވާ ކަމަށެވެ، އޭގެ ތެރޭގައި ކިޔެވުމާއި ގުޅޭ ހަރަކާތްތަކާއި، ކުޅިވަރުގެ ހަރަކާތްތައްވެސްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެެވެ.

"މިދަތުރު ފުރިހަމަވީ ހުޅުމާލެ ފިޔަވަތި ކުޑަކުދިންގެ ހިޔާގެ ކުދިން ބައިވެރިވީމަ. މިހަރަކާތަށް ބެލެނިވެރިންގެ ފަރާތުންވެސް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައި." ޕްރިންސިޕަލް ޟާބިރާ ވިދާޅުވިއެވެ.

ދަތުރުގެ ބައިވެރިވި ބެލެނިވެރިން ވަނީ މާލެގެ ހާސްކަމުން ނުކުމެ މިކަހަލަ ދަތުރެއް ކުރުމުން ދަރިންތައް ތިބީ ވަރަށް އުފަލުން ކަމަށް ފާހަގަކޮށްފައެވެ. އަދި ފިޔަވަތި ކުދިންވެސް މިކަމުގައި ބައިވެރިކުރުމުން ފިޔަވަތިން ބުނެފައިވަނީ ކްރޮސްރޯޑްސްގެ ހިތްގައިމު މާހައުލުގައި ހޭދަކުރި ވަގުތު ތަކަކީ އުފާވެރި ވަގުތުތަކެއް ކަމަށެވެ.