ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ކުދިންގެ ތެރެއިން ފިޔަވަތީގެ ކުދިންނަށް އެހީވުމަށް ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓް އިން އިން އާޓް އެކްޒިބިޝަނެއް ފަށައިފިއެވެ.

އެ އާޓްއެކްޒިބިޝަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ރިސޯޓްގައެވެ. އެކްޒިބިޝަން ކުރިއަށް ދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޕަޓީނާއިން މައުލޫމާތު ދެއެވެ.

ޕަޓީނާއިން ވާހަކަ ދެއްކި އޮފިޝަލަކު މައުލޫމާތުދެއްވި ގޮތުގައި، މިި އެކްޒިބިޝަންގައި ވިކޭ ހުރިހާ ކުރެހުމަކުން ލިބޭ ފައިސާ އިން ފިޔަވަތީގެ ކުދިންނަށް އެހީވުމަށް ދޭނެ ކަމަށެވެ.

ޕަޓީނާ މޯލްޑިވްސްގައި ކުރިއަށްގެންދާ އެގްބިޝަންގައި ބަހައްޓާފައި ހުރި ކުރެހުންތައް - ފޮޓޯ: ޕަޓީނާ މޯލްޑިވްސް

އެ އެގްޒިބިޝަންގައި ވިއްކަނީ ޕަޓީނާގައި މަސައްކަތް ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ބޭފުޅެއްކަމަށްވާ ކްރިސް ކީ ގެ ކުރެހުންތަކެވެ. ކްރިސް ކީ އަކީ ޕަޓީނާގެ ވެރިޔާގެ ރިޕްރެޒެންޓޭޓިވް އެވެ.

ކްރިސް ކީ "ވަގުތު" އަށް ވިދާޅުވިގޮތުއި، އޭނާ އެންމެ ފުރަތަމަ ކުރަހަން ފެށީ ކޮވިޑް-19ގެ ތެރޭގައެވެ. އެއީ އެއް ތަނެއްގައި ބަންދުވެފައި ހުރުމުގެ ސަބަބުން އޭނާ ފެށި މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ކުޑަ އިރުން ފެށިގެން ވެސް ކުރެހުމަށް ޝައުގުވެރިކަން ހުރޭ. އެކަމު ރަސްމީ ސިފައެއްގައި އެކަން ކުރަން ފެށީ ކޮވިޑްގެ ތެރޭގައި. އަހަރެން ކުރެން ތައް އަބަދުވެސް އެހެން މީހުންގެ ކުރެހުންތަކާއި ތަފާތުކުރެވޭތޯ. މިސާލަކަށް މަހެއް ކުރަހާއިރުގައި ވެސް އޭގެ ޑީޓެއިސްލް ހުންނާނެ ތަފާތު ކޮށްފައި އަހަރެންގެ ކުރެހުންތަކުގައި." ކްރިސް ލީ ވިދާޅުވިއެވެ.

ޕަޓީނާ މޯލްޑިވްސްގައި ކުރިއަށްގެންދާ އެގްބިޝަންގައި ބަހައްޓާފައި ހުރި ކުރެހުންތައް - ފޮޓޯ: ޕަޓީނާ މޯލްޑިވްސް

ކްރިސް ލީ ވިދާޅުވީ، އެ އާޓް އެގްޒިބިޝަންގެ މަގްސަދަކީ އެހެން ފަންނުވެރިންނަށް ތަފާތު މަސައްކަތެއް ދެއްކުމަށް ބާރުއެޅުން ކަމަށެވެ. އަދި ފިޔަވަތީގެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުުމަކީވެސް މީގެ އެއް ބޭނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި އަދި ގިނަ އެގްޒިބިޝަންތަކެއް ބާއްވަން އޭނާ ވަނީ ނިންމަވާފައެވެ. އަދި ކުރެހުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދިނުމަށް ކްލާސްތައް ވެސް ބާއްވަންވެސް ވަނީ ނިންމަވާފައެވެ.

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ހުޅުވީ މިދިޔަ އަހަރު ތެރޭގައެވެ. މިއީ ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސް ގުރޫޕްގެ ފުރަތަމަ ރިސޯޓެވެ.