ގާނޫނުއަސާސީ އާ ހިލާފަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރެވޭ ގޮތަށް މާއްދާއެއް ހިމަނައިފިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލުގައި ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުން ކަމަށެވެ.

151 މާއްދާއެއް ހިމަނާފައިވާ އެ ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތްތަކާއި، ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައިވެއެވެ. އަދި މަދަނީ، ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާއި ގުޅޭ އުސޫލުތައް ވެސް އެކުލަވާލައިފައިވެއެވެ.

ހެއްކާބެހޭ ބިލުގެ 16 ވަނަ ބާބުގައި އެ ގާނޫނުން އިމްތިޔާޒް ލިބިގެންވާ މުއާމަލާތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، 136 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭން ނުވަތަ އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތުގައި ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

136 ވަނަ މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށް (ށ) ގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ނޫސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ ބިލުގެ އެ މާއްދާ އޮތީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިންނަށް ދީފައި އޮންނަ ހައްގަށް އުނިވާ ގޮތަށް ކަމަށް ވުމުންނެވެ.

ގާނޫނުގައި އަސާސީގައި އޮންނަނީ ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި މީ ގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅު ކުރުމާއި، ޝާއިއު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މި ގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅު ކުރާ މައުލޫމާތެއްގެ މަސްދަރު ހާމަ ކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެ ކަމަށް އެ މާއްދާގައި އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެޖެންޑާ19

    ހާތްތެރި! މިހިރަ ފެންނަނީ ޑިމޮކްރަސީގެ އެންމެ މަތީ ލެވެލް. އެލެވަލްގައި ނޫސްވެރިންނަށް ބިރު ދައްކާނީ މަސްދަރު ހާމަކުރަން އަންގައިގެން. ނަމުން ޑިމޮކްރަސީ ކަމުން ހުދުމުހުތާރު. ފައިބާ ފައިބާ! ހުދުމުހުތާޜު ސޯލިހު އިސްތިއުފާ!

  2. ހައްޕުޑޫ

    ޓްރާންސްޕޭރަންސީ މޯލްޑިވްސް އޭ ކިޔުނު ބައިގަނޑުގެ ހިލަމެތް ނެތް. އެ ބައިގަނޑު ހިލޭނީ ރައީސް ޔާމީނު ވެރިކަމުގައި.. އެމްޑީޕީ ވެރިކަމުގައި މިކަހަލަ ކިތަންމެ ޖަރީމާއެއް ހިންގިއަސް އެބައިގަނޑު ތިބޭނީ ނޭގޭ ކަމަށް ހަދައިގެން ހަނު

  3. ދޫނި ރާއްޖެ

    ސަރުކާރުން ހިންގާ ހުތުރު ޖަރީމާތައް ފޮރުވާން ނޫސްވެރިންގެ އަނގަ ބަންދުކުރަން ޖަހާ ޗައްކަރެއް ތީ. ނަމަ ނަމަ އެންމެ އިންޗިއެއްވެސް ދޫ ނުދޭތި ނޫސްވެރިންނޭ. ނުބައި ކަމުން ހައްދު ފަހަނަ އަޅާފަ ތިބި ބަޔެއް އެތިބީ ވެރިކަމުގައި.

  4. ނޫސްވެރިޔާ

    "....ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށް (ށ) ގައި ބުނެފައިވެއެވެ."

    އިބުރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ!!!!!!!!!!!!!!!!!!!

  5. ރައީސް ޔާމީން މިނިވަންކުރޭ

    ދައްކަވަން ހުރި ތަނެއް ދައްކަވާނެ. ވަﷲ އައުލަމް

  6. ޙހހހ

    އެކަމެއް ނޭނގުނެއްނު ، މިހާރު މިއޮތް ބަލާވެރިކަންވެސް ގެންނަން ހުރިހާކަމެއް ކުރީ ނޫސްވެރިންވިއްޔާ. ދެން ނޫސްވެރިން ތިބެތިހެން

  7. އަބްދޫ

    ގާނޫނުއަސަސީގަ ބުނާގޮތުން ގާނޫނުއަސާސިއަ ހިލާފްވާގޮތަށް މަޖިލީހުން ފާސްކުރެވޭ ފާސްކުރުން އެގާނޫނު އުފެދުމުގަ ވެސް ބާތިލް ވެގެންވޭ އެކަން އެގެނީ ގާނޫނުއަސަސީގެ 63 ވަނަ މާއްދާއިން. ނޫސްވެރިންނަށް ދެވިފައިވާ މިނިވަން ކަން ނިގުޅައިގަތުމަށް ކޯޓަކުން އަމުރު ނެރުނަސް އެއަމުރަށް ތަބައަ ނުވެ ހުރުމުގެ ހައްގު ގާނޫނުއަސާސީގެ 64 ވަނަ މާއްދާއިނ2ް ލިބިދިފައިވޭ.