އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން އެރަށުގެ ބައެއް ރައްޔިތުން ފެންބޮޑުވި މަގުތަކުގައި މޫދު ކުޅިވަރެއް ކަމުގައިވާ "ވޭކްބޯޑް" ކުރަން ފަށައިފިއެވެ.

މިއީ އަލަށް އެސިޓީގެ ބަޔަކު ކޮށްފައިވާ ކަމެއް ނޫނެވެ. މީގެ ކުރިން ހުޅަނގު މޫސުމުގެ ވިއްސާރައިގެ ވެސް އެރަށުގެ ބައެއް ރައްޔިތުން ވަނީ ފެންބޮޑުވެފައިވާ މަގުތަކުގައި ވޭކްބޯޑު ކޮށްފައެވެ. އެމީހުން އެކަން ކުރަނީ ދުއްވާފައިދާ ސައިކަލެއްގެ ފަހަތުގައި ވާގަނޑެއް އައްސައިގެން އޭގައި ހިފައިގެން ތިބެއެވެ.

އައްޑޫގެ އިތުރުން މީގެ ކުރިން ވެސް ރާއްޖޭގެ އެހެން ރަށްތަކުން ވެސް މި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ހުޅަނގު މޫސުމުގެ ވިއްސާރާގައި ޏ.ފުވައްމުލަކުގެ ޒުވާނުން ނުކުމެ މަގުތަކުގައި ވޭކްބޯޑު ދުއްވާފައި ކަމެވެ.

މިގޮތަށް ކަންތައް ކުރި ނަމަވެސް، މަގުމަތި ބޭނުން ކުރާ އެހެން ފަރާތްތަކަށް އުނދަގުލެއް ނުވާނެ ފަދަ ގޮތަކަށް މިކަން ކުރުން މުހިއްމެވެ. ތިރީގައި އެވަނީ ޒުވާނަކު ވޭކް ބޯޑު ދުއްވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެކެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ސަރަހައްދުގެ ހުރިހާ މަގުތަކެއްގައި އޮތީ ފެންބޮޑުވެފައެވެ.

އައްޑޫއަށް އިއްޔެ ކުރި ވިއްސާރާގައި އެރަށުގެ ގިނަ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ވެސް ވަނީ ފެންގަނޑު ވަދެފައެވެ. ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން އަންނަނީ ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.