ޕަލާއޫގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހަތް ވަނަ އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޕަލާއޫގެ ރައީސް ސުރަންގެލް އެސް. ވިޕްސް ޖޫނިއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދައުވަތު އަރުއްވައިފިއެވެ.

ހަތް ވަނަ އޯޝަން ކޮންފަރެންސް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 17-16 އަށެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި ރައީސް ސޯލިހު ވަނީ ޕަލާއޫގެ ރައީސްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޕަލާއޫގެ ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި، ޕަލާއޫގެ ސަރުކާރުން އެގައުމުގެ ކޮވިޑް-19 ހާލަތު ކޮންޓްރޯލްކުރުމުގައި ގެންގުޅުއްވި ސިޔާސަތުތަކަށް ތައުރީފުކުރައްވާފައެވެ. އޭގެ އިތުރުން ރައީސް ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، ވީހާވެސް އަހަވަކަށް ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖަހައި ނިންމުމަށް ބޭނުންފުޅުވާކަމުގައި ހާމަކުރައްވާފައެވެ.

ޕަލާއޫގެ ރައީސްއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ގިނަ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި ./ފޮޓޯ: ރައީސް އޮފީސް

ޕަލާއޫގެ ރައީސް ވަނީ އެ ގައުމުގެ ބޯޑަރުތައް ބަންދުކުރުމާއެކު ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާކަމުގައި ވިދާޅުވެ، މިހާތަނަށް އެގައުމުން ކޮވިޑްގެ ސަބަބުން މީހަކު މަރުވެފައި، ނުވަތަ ވައިރަސްގެ ސަބަބުން ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި ނުވާކަމުގައި ވިދާޅުވެފައެވެ.ނަމަވެސް ރާއްޖެއިން އަލުން ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަން ފަށައިގަތުމުން ޕަލާއޫ ފިލާވަޅު ލިބިގަންނަން ޖެހޭކަމުގައި އެ ގައުމުގެ ރައީސް ވިދާޅުވިއެވެ.

އެއޯސިސް އަދި ތަރައްގީ ވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ދެ ގައުމުގެ ލީޑަރުންވެސް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ ރައީސުންވެސް ވަނީ ބައިނަލްއަގްވާމީ މައިދާނުގައި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީ އަދި، ކަނޑުފަޅު ބެލެހެއްޓުމުގައާއި ނޫ އިޤްތިޞާދު ބިނާކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ނިންމަވާފައެވެ.

ޕަލާއޫއަކީ ޕެރިސް އެގްރީމަންޓް އެންމެ ފުރަތަމަ ތަސްދީގުކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަން ފާހަގަ ކުރައްވައި، ދުނިޔެ ހޫނުވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އިސްވެ ވަކާލާތުކުރައްވާ ގައުމެއްކަންވެސް ފާހަގަކުރައްވާފައެވެ. ދެބޭފުޅުންވެސް ވަނީ ގްލަސްގޯގައި ކުރިއަށް އޮތް ކޮޕް-26 ބައްދަލުވުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް ނިންމަވާފައެވެ.

ރައީސް ސޯލިހު އަދި ޕަލާއޫގެ ރައީސް ވަނީ، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރުމަށްޓަކައި ބޭނުންވާ ފަންނީ ލަފާ ދެ ގައުމުގެ ދެމެދުގައި ހިއްސާކުރުމަށާއި، އެދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރާއްޖެއާއި ޕަލާއޫއާ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 17 އޮކްޓޯބަރ 2014 ގައެވެ.

ކިޔުންތެރިންގެ ހިޔާލު