މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މޮޅުވެފައިވާ ކަމަށް ސިފަކުރައްވާ ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައީސް ސާލިހު އަށް މަރުޚަބާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުންކަމަށްވާ ރައީސް ސާލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި ޕާޓީ ދެބައަކަށް ބެހިފައިވާ އިރު އެ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ނުތަނަވަސްކަން ހުރިކަން ދެ ބޭފުޅުން ވަނީ އަމިއްލަ އަށް ގަބޫލުކުރައްވާފައެވެ. އެމްޑީޕީގެ އެތެރޭގެ ސިޔާސީ ބައިބައިވުމަކީ ސިޔާސީ ވާދަވެރިކަން ކަމަށް ކުރިން އެ ދެ ބޭފުޅުން ވިދާޅުވި ނަމަވެސް ރައީސް ނަޝީދު ވަނީ ޚިޔާލު ތަފާތުވުން ބޮޑުވެ ރައީސް ސާލިހާއި އެކުގައި އިތުރަށް ސިޔާސީ މަސައްކަތްކުރައްވަން ބޭނުން ނުވާކަން ފާޅުގައި ހާމަކުރައްވާފައެވެ.

މިހާރު ކަންކަން ހިނގާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތާއީދާއި މިހާރު އޮތް ގައުމީ މަޖިލީހުގެ ތާއީދުވެސް އޮތީ ރައީސް ސާލިހަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެމްޑީޕީގެ ނިންމުންތައް ނިންމުމުގައި ގައުމީ މަޖިލީހުގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން މިއަދު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ނަޝީދުގެ ފެކްޝަނުން ވެސް ކެންޑިޑޭޓުން ވާދަކުރާ އިރު ރައީސްގެ ފެކްޝަނުން ވެސް ކެންޑިޑޭޓުން ވާދަކުރެއެވެ.

މިއަދު "ވަގުތު" އަށް ދެއްވި ބަސްތީގަތުމެއްގައ ޖާބިރު ވަނީ މިއީ ރައީސް ސާލިހު އާއި ރައީސް ނަޝީދުގެ މެދުގައި ހިނގާ ފަހު ތަޅާލުން ގަނޑު ކަމަށް ސިފަކުރައްވާފައެވެ.

"މިއީ ބޮޑު ދުވަހެއް. ވަރަށް ކައިރިން ބަލަމުން މިއައީ. ބަލާނެވެސް ކަމެއް ނެތް. ރައީސް ސާލިހު ބޮޑުތަނުން މޮޅުވެއްޖެ. އަޅުގަނޑު ހިސާބު ޖަހައިފިން. 99 އިންސައްތަ ރައީސް ނަޝީދުގެ ކޮންޓްރޯލް އޮތްތަނެއްގައި ކައިވިތެއް ދޫވުން ވެސް އެއީ ނިކަން ބޮޑުވަރު. ރައީސް ނަޝީދުގެ ބާރު ކުޑަވެއްޖެ. އެމްޑީޕީގައި ރައީސް ނަޝީދުގެ ބާރެއް ކުރިން އޮތް ގޮތަކަށް ނެތް. ވަރަށް ސާފު." އޭނާ ވިދާޅުވިއެވެ.

ޖާބިރު މިފަދައިން ވިދާޅުވެފައި ވާއިރު އިދިކޮޅު ކޯލިޝާންގެ ބައެއް ބޭފުޅުންވެސް ވަނީ މިއަދުގެ އެމްޑީޕީގެ އިންތިޚާބު ކުރިއަށް ދާނެ ގޮތަކާއި މެދު ލަފާކުރެވޭ ގޮތް ބަޔާންކޮށްފައެވެ. އެގޮތުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝާރީފް އުމަރު ވަނީ ރައީސް ސާލިހާއި ރައީސް ނަޝީދަށް ވެސް އެމްޑީޕީގެ ތާއީދު ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް ސޯލިހަށް ވުރެ ރައީސް ނަޝީދު ގަދަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ލަފާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުއްތު

    ޖާބިރަކަށް ހިސާބަށް ކުރާކަން ނޭނގޭނެ، އަސާސީ ފެންވަރު ވެސް ނުހުންނާނެ.

  2. ޢަބްދުﷲ

    އެމްޑީީޕީގެ އިންތިޚާބާއި މެދު ޖާބިރުގެ ހިސާބު: " މިހާރުވެސް ރައީސް ސާލިހު މޮޅުވެއްޖެ"

    2 މިނެޓް ކުރިން ( ސެޕްޓެމްބަރު 25, 2021 )

    ބަލަ ޖާބިރޫ ވައްކަމަށްތަ ސޯލިބޭމޮޅުވީ . ބަލަކައެޔޭ ވަކޭ ސޯލިބެޔަށް ގޮވީ؟

    رئيس يامين عبد القيوم ވަގުތުން ވަގުތަށް ދޫކޮށްލާ #
    India out # India out # India out #