މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސަން ދިޔަ ދެ ފްލައިޓެއް ޑައިވާޓްކޮށްފިއެެވެ.

އެ ދެ ފްލައިޓަކީ މިއަދު ހެނދުނު އަންނަ އޮތް ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކާއި ޖަރުމަނުގެ ލުފްތަންސާ އެއާލައިންގެ ފްލައިޓެކެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް "ވަގުތު"އަށް މިއަދު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސުނު ދެ ފްލައިޓް ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ޑައިވާޓްކޮށްފައިވާ ކަމަށެވެ. އެ ފްލައިޓްތައް އަންނާނެ ސީދާ ގަޑިއެއް ދަންނަވަން ނޭނގެ ކަމަށް އަރީފް ވިދާޅުވިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ޑައިވާޓް ކުރަން ޖެހުމަކީ އާއްމުކޮށްވެސް ދިމާވާ ކަމެކެވެ.

އޭނާ ވިދާޅުވީ މޫސުން ގޯސްވި ނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަނަށް އެއްވެސް ބުރޫއެއް ނާރާ ކަމަށާއި ފުރަންދާ ފަސެންޖަރުންނަށްވެސް އެއްވެސް ކަހަލަ ދަތިތަކަކާ ދިމާނުވާނެ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ އޮރެންޖް އެލާޓް ނެރެފައެވެ. މެޓުން ލަފާކޮށްފައިވާ އޮތުން މިއަދު ހެނދުނު 10:00 އިން މާދާމާގެ ހެނދުނު 10 އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 55 މޭލާ ދެމެދު ކަމަށާއި ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ކަނޑުތައް އާއްމުގޮތެއްގައި ގަދަ ވާނެއެވެ.

ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ދަތި ނޭރުމަކީ ކޮބާތޯ؟ ބޯޓު ޖައްސާ ބޯޓުން ނުފޭބި 46 މިނެޓް ދިޔާ. ކީއްވެތޯ؟ އަރާނެ ބަހެއް ނެތިގެން. އަޅުގަނޑު މެންގެ އެއާރޕޯރޓް ތަރައްގީވެ މިނޫން ދުވަހެއް ދެކެން ބޭނުން.