ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ރައީސް އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އާންމު މަޖިލީހުގައި ރައީސް ތަގްރީރު ކުރައްވާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހު ދިވެހިންގެ މާދަރީ ބަސް، ދިވެހިބަހުންނެވެ. އެ ތަގުރީރުގައި އ.ދ. ގެ ރިޔާސަތާ މުހާތަބްކުރައްވައި ދިވެހިންގެ މާދަރީ ބަހުން ވާހަކަދެއްކެވިކަމީ، މިނިވަން ދައުލަތެއްގެ މަގާމު މީގެ 56 އަހަރުކުރިން ރާއްޖެއަށް ލިބުމާ ގުޅިގެން، ބައިނަލްއަގްވާމީ މަސްރަޙުގައި ބަސްބުނުމުގެ ގާބިލިއްޔަތާ މެދުގައާއި، ރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ގައުމެއްތޯ ބައިނަލްއަގްވާމީ މައިދާނުގައި ކުރެވުނު ސުވާލުގެ ޖަވާބުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ވަގުތުކޮޅަކީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ދިވެހިން ކުޑަ ނޫންކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެއްކަން ފާހަގަކުރައްވައި މިއީ ހުރިހާ ދިވެހީންނަށް ލިބުނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Shahid
76 ވަނަ އާއްމު މަޖިލީހުގެ ރިޔާސާތުގައި ޝާހިދު، ރައީސް ސޯލިހު ތަގުރީރު ކުރައްވަނީ

ރައީސްގެ ތަގްރީރުގައި ކޮވިޑް-19ގެ ބަލިމަޑުކަމަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މުޅި ދުނިޔެ އ.ދ. ގެ ޢާންމު މަޖިލީހަށް ބަރޯސާވާކަން ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، ޙަކަތައާއި، ޢިލްމާއި، ހުނަރާއި، ހޯދުންތައް އެއްތަންކޮށް، އެކަމުގައި ހިއްސާވުމަށް އެއްބަސްވާން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެމަނިކުފާނުގެ ތަގްރީރުގައި، މޫސުމީ ބަދަލުތަކުގެ މައްސަލައަށް ވެސް އަލިއަޅުވާލެއްވިއެވެ. އެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި މައްސަލައިގައި ކުރާ ޝަކުވާއާއި ކުރާ ވަކާލާތުގައި އަމާންދީ، ފަހަތަށްޖެހުމުގެ އިޚްތިޔާރު ދިވެހިންނަށް ނެތްކަންކަން ފާހަގަކުރައްވާފައެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރެއްވުމާއި ދުނިޔެއަށް ކުރިމަތުވެފައިވާ ޓެރަރިޒަމްގެ މައްސަލަފަދަ އެތައް މައުލޫއަކަށް އަލިއަޅުވާލެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ތަގްރީރު ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އ.ދ.ގެ މައި އިދާރާގައި ބޭއްވި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް"ގައި ވާހަކަފުޅު ދައްކަވާފައެވެ. "ކްލައިމެޓް މޮމެންޓް" ބައްދަލުކުރެއްވުމަކީ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ހާއްސަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުންކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މި ދަތުރުފުޅުގެ ޙަވާސާގައި، އ.ދ.ގެ އަންމު މަޖިލީހުގެ ރައީސް ރައީސް ޢަބްދުﷲ ޝާހިދާއި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި އެކިއެކި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ރައީސް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އ.ދ. ގެ އަންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕޯޗުގަލްގެ ރައީސް، މާސެލޯ ރެބެލޯ ޑިސޯޒާއާ ބައްދަލުކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރައީސް ވަނީ ހައިލެވެލް ޑިސްކަޝަންތަކާއި ހަފްލާތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެއޯސިސްގެ ލީޑާސް ސަމިޓް 2021ގައާއި، ޑާބަން ޑެކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ހަފްލާ އާއި، ޓްރާންސްފޮމޭޓިވް އެކްޝަން ފޯ ނޭޗާ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ހަފްލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ސޯލިހު، އ.ދ.ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާފައި ވަނީ 2019 ވަނަ އަހަރެވެ. އެއީ އޭގެ ކުރިން ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުންގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ އާންމު މަޖިލީހުގައި ތަޤުރީރު ނުކުރައްވާ އޮތުމަށްފަހު ރާއްޖޭގެ ރައީސަކު އާންމު މަޖިލީހަށް ވަޑައިގެން ތަޤްރީރުކުރެއްވި ފުރަތަމަ ފަހަރުކަމުގައިވުމުން އެފަހަރަކީވެސް ރާއްޖެއަށް ވަރަށް ހާއްސަވެގެންދިޔަ ފަހަރެކެވެ. އަދި މިފަހަރު އަންމު މަޖިލީހުގައި ރައީސް ބައިވެރިވެ ވަޑައިގެންނެވުން ރާއްޖެއަށް މާބޮޑަށް ހާއްސަވާ ސަބަބަކީ މިއީ ފުރަތަމަ ފަހަރަށް ރާއްޖެއިން އ.ދ.ގެ އަންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަހަރުކަމުގައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނޯވަން

  މުޅިރާއްޖެ އަށް މިއަދު ވަރަށް ބޮޑަށް މޫސުނއގޯސްވެފައިވަނީ. އަދި އިތުރަށް މޫސުންގޯސްވާނެކަމުގެ ހަބަރެއްމިއޮތީ

  5
  3
 2. އެފައިސާ މިފައިސާ

  ދަތުރުފުޅަށް ކިހާވަރެއް ހަރަދުވިތޯ؟

  • ރީތި މޫސަ

   ގާތްގަނޑަކަށް ހިޔާފުލެޓްތަކުގެ ހުރިހާ ފިނިޝިންގ އެއްނިންމާލެވޭވަރުވާނެ

 3. ސަނީ

  ކޮބާ 35 ؟