ސިޔާސީ ތިންވަނަ ފިކުރެއް އުފަން ކުރުވުމަށް މަސައްކަތްކުރަމުންދާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ އާއްމު ޖަލްސާ ބާއްވަން އީސީން ހުއްދަދީފިއެވެ.

އެމްއެންޕީއަކީ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއި ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އިސްވެ އުފައްދާ ޕާޓީއެކެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް "ވަގުތު"އަށް ވިދާޅުވީ ޕާޓީ އުފައްދުމުގެ ޖަލްސާ ބާއްވަން އެމްއެންޕީއަށް ހުއްދަ ދީފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

އެމްއެންޕީއޭގެ ސްޕޯކްސްޕާސަން ވިދާޅުވީ އާއްމު ޖަލްސާ ބާއްވާނެ ސީދާ ތާރިހެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ. ބެލެވޭ ގޮތުގައި މިއަދު ހަވީރު އެމްއެންޕީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތާރީހެއް އިއުލާންކުރާނެއެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން އިން ދީފައި ވަނީ 15 ޖުލައި ގައެވެ. އެ ޕާޓީއަށް މީހުން ހޯދުމުގެ މަސައްކަތްތައް މިނިވަން ދުވަހާއި ދިމާކޮށް ފެށިއެވެ. އެކި އަތޮޅުތަކަށް ދަތުރުކޮށް ކުރި މަސައްކަތުން ދެމަސްތެރޭ 5000 އަށް ވުރެ ގިނަ މެމްބަރުން އެޕާޓީއަށް ސޮއިކުރި ކަމަށް އެމްއެންޕީން ބުނެއެވެ. އެ ފޯމްތައް އީސީއަށް ހުށަހެޅީ މި މަހުގެ 15ގައެވެ.

2023 ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަން ނިންމާ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވާނެކަން މިހާރު ވެސް ވަނީ އިއުލާންކޮށްފައެވެ.

ނާޒިމާއި ރިޔާޒްގެ އިތުރުން އެމްއެންޕީގައި ދެން ހިމެނެނީ ނާޒިމްއާ އާއިލީ ގުޅުމެއް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ވެސް އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފެށިއިރު ބައިވެރިވިއެވެ. ނަމަވެސް ދެބޭފުޅުން ވަނީ އެޕާޓީ އާއި ދުރަށް ދިޔަކަން އިއުލާންކޮށްފައެވެ.

އެމްއެންޕީން އަޒުމަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން އެޕާޓީއަށް ހަމަކުރުމެވެ. އަދި 2023 ކާމިޔާބުކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.